Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ޖާބިރު ރާއްޖެ ވަޑައިގަންނަވަނީ

ޔޮޓް ޓްއާސްގެ ޗެއާމަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ރާއްޖެ ވަޑައިގަންވަން ނިންމައިފިއެވެ.

މާދަމާ ރާއްޖެ އަންނަ ކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ހާމަ ކުރައްވާފައެވެ.

ޖާބިރުއަށް ވަނީ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތްދީފައެވެ. އަބްދުﷲ ޖާބިރު ވިދާޅުވެފައިވަނީ ތިމާގެ މީހުންނާއި، ރަހުމަތްތެރިންނާ ބައްދަލުކޮށް، ބިރެއް ނެތި އަރާމުގައި ދިރިއުޅެ ވިޔަފާރި ކޮޅަށް ޖެހުމަށް މާދަމާ ރޭ ރާއްޖެ އަންނާނެ ކަމަށެވެ.

"ޔޫކޭގެ ހިމާޔަތުގަ އަހަރަކަށް ފަހު ގިނަދުވަހު ހުރުމަށްފަހު، އަޅުގަނޑުގެ ތިމާގެ، ރަހުމަތްތެރިންނާއި ބައްދަލުކޮށް، ބިރެއްނެތި އަރާމުގަ ދިރިއުޅެ، ވިޔަފާރި ކޮޅަށްޖެހުމަށް ޔޫއެލް 103 ކޮލޮމްބޯއިން ޖަޒީރާ ރާއްޖެއަށް އަޅުގަނޑު ލޭންޑު ކުރާނީ މާދަމާ 19:50 ގަ! އިންޝާﷲ! މަރުހަބާ ޕްރެޒިޑެންޓް އިލެކްޓް އިބޫ ސޯލިހް" ޖާބިރު ވިދާޅުވިއެވެ.

ޔޫއެލް 103 ކޮލަމްބޯ އިން މާދަމާ ރޭ 19:50 ގައި ރާއްޖެ ވަޑައިގަންނަވާނެ ކަން އިއުލާނު ކުރައްވާ އަބްދުﷲ ޖާބިރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވާފައެވެ.

ކާށިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ޖާބިރަށް އިނގިރޭސި ވިލާތުން ހިމާޔަތް ދީފައިވާއިރު އިޓަލީގައި ހުންނެވުމަށްފަހު 2017 ވަނަ އަހަރުގެ ޖޫން މަހު ޖާބިރު ލަންޑަނަށް ވަޑައިގެންނެވި ދަތުރު މަތީގައި އުޅުއްވަނިކޮށް ދިވެހި ސަރުކާރުން ވަނީ ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފައެވެ.