Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ބައިބައިވުން އުފެދޭ ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަން: މުއާޒް

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ

ފިތުނަވެރި، ބައިބައިވުން އުފެދޭ ވާހަކަތައް ނުފެތުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ އިލްތިމާސް ކުރައްވައިފިއެވެ.

މުއާޒް މިފަދައިން އިލްތިމާސް ކުރެއްވީ އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

މުއާޒްގެ ޓްވީޓްގައި ވަނީ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ހުރި މުހިންމު އެއްވެސް ލިޔެކިއުމެއް ނައްތައެއް ނުލާނެ ކަމަށެވެ. ކުނީގެގޮތުގައި ބޭނުން ނެތިގެންދާ ކަރުދާސް ނައްތާލުމަށް ޕޭޕަރ ޝްރެޑަރ އަބަދުވެސް ސަރުކާރު އޮފީސް ތަކުގައި ހުންނަ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ހުރި މުހިންމު އެއްވެސް ލިޔެކިއުމެއް ނައްތައެއް ނުލާނެ، ކުނީގެގޮތުގައި ބޭނުން ނެތިގެންދާ ކަރުދާސް ނައްތާލުމަށް ޕޭޕަރ ޝްރެޑަރ އަބަދުވެސް ސަރުކާރު އޮފީސްތަކުގައި ހުރޭ. ފިތުނަވެރި، ބައިބައިވުން އުފެދޭ ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރަން" އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިމޭރުމުން ޓްވީޓެއް މިކުރެއްވީ، ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލަން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

ހަމައެއާއެކު، މުލީއާގެއިން ދެ ޕިކަޕް ފުރެންދެން އެއްޗެހިތަކެއް އަރުވައިގެން، ލިލީ މަގުގައި ހުންނަ ގަރާޖަށް ވެއްދުމަށްފަހު އަދި އޭގެފަހުން އެ ދެޕިކަޕް ވެސްޓްޕާކް ހިންގި ބިމުގައި ހުންނަ ޕީޕީއެމްގެ ކެމްޕެއިން އޮފީހަށް ގެންދިއުމާއި، އޭގެފަހުން އެތަނުގައި އެއްޗެހިތަކެއް އަންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައިވެސް ދައުރުވެ، އެކަމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށެވެ.

ފެތުރެމުންދާ މި ވާހަކަތަކާއި ގުޅިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ ދީދީ އަންގާރަ ދުވަހު ވަނީ ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ.

އެގޮތުން އެމަންޒަރު ފެންނަ ފަރާތްތަކުން ފޮޓޯ ނެގުމާއި ވީޑިއޯކޮށް ބެހެއްޓުމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެފަދަ ކަންތަކެއް ހިންގަވާކަން އެނގިވަޑައިގެންފި ހާލަތެއްގައި އެކަންތައް ހުއްޓުވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް މާރިޔާ ވަނީ އިލްތިމާސްނ ކުރައްވާފައެވެ.