ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ވެރިކަން ހޯއްދެވި ޅ. ހިންނަވަރު، ނޫރާނީއާގެ، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ނަން ދިވެހި ތާރީހުގައި ލިޔެވިގެންދާނީ ރާއްޖެތެރޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސްގެ ގޮތުގައެވެ.
އިބޫގެ އިތުރުން އިބޫގެ ރަނިންމޭޓު ފައިސަލް ނަސީމަކީވެސް ރާއްޖެތެރޭ ބޭފުޅެކެވެ. ފައިސަލް ނަސީމަކީ ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންވެ މިއިންތިހާބު ކާމިޔާބު ކުރެއްވި ރައީސާއި ރަނިންމޭޓަކީ ހަތަރު ކަށިމަތި ރާއްޖެތެރޭ ދެ ބޭފުޅުންނެވެ. މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރައްވާފައިވަނީ މާލެ ނިސްބަތްވާ ބޭފުޅުންނެވެ.
މީގެ އިތުރުން ދެން ފާހަގަކޮށްލެވޭ އަނެއްްކަމަކީ ވޯޓުގެ ނަތީޖާއެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުން އިބޫ ހޯއްދެވި ތަނަވަސް އައުލަބިއްޔަތުގެ ބޮޑު ހިއްސާ އަކީ ރާއްޖެތެރޭ ރައްޔިތުންގެ ވޯޓެވެ. އެމީހުންގެ ނިންމުމެވެ. މާލެ އެކަނި ތަރައްޤީވާން ބޭނުންނޫންކަމަށް ރާއްޖެތެރޭ ރައްޔިތުން ބުނީ ވޯޓުންނެވެ. މާލެ ނިސްބަތްވާ ކެންޑިޑޭޓަށް ބޮޑުތަނުން ނޫނެކޭ ބުނީ ރާއްޖެތެރެއިންނެވެ.

ޅ. ހިންނަވަރު އާދައިގެ އާއިލާއަކަށް އުފަންވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ މަަސައްކަތް ފެށިފައިވަނީ ރައްޔިތުންގެ މަޖްލިސް ތެރެއިންނެވެ. މަޑުމައިތިރިކަމާއި، ހިތްތިރި ކަމާއި އެކު ފާއިތުވި 25 އަހަރު ރައްޔިތުންގެ އަޑު މަޖްލިސްގައި އިއްވުމުގައި ދެމި ހުންނެވި ބޭފުޅެވެ.
ޖަޒީރާ ރާއްޖޭގެ ޖަޒީރާ ރައީސަކަށް އިބްރާހިމް މުހައްމަދު ސޯލިހު ހޮވި ވަޑައިގެންނެވި އިރު އަތޮޅު ތަކުން ހޫނު މަރުހަބާ އަކާއި އާދަޔާ ހިލާފު ބޮޑު ސަޕޯޓެއްް ވަނީ ލިބިފައެވެ. ކެމްޕެއިންގައި އިބޫ އާއި ފައިސަލް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި އިރު އަތިރިމަތީގެ ޖޯލިތަކުގައި ގިނަ އިރު ރައްޔިތުންގެ އަޑު އައްސަވަން މަޑު ކުރެއްވިއެވެ.
ހިތްތިރި މަޑުމައިތިރި އިބޫ ރައްޔިތުންގެ ހާލު އެމީހުންގެ ދުލުން އަޑުއައްސަވައި އެ އިހްސާސުތައް ފުއްދަވައި ދެއްވާނެކަމުގެ ވައުދުވެވަޑައިގެންނެވިއެވެ.
"އިންސާފުގެ މަގަށް" ރާއްޖެ ގެންދިއުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިބޫ ނިކުމެވަޑައިގެން ހުންނެވި އިރު މުޅި މެނިފެސްޓޯގައިވަނީ ރާއްޖެ "ޖަޒީރާ" ވަންތަ ގޮތުގައި ތަރައްޤީ ކުރެއްްވުމެވެ. ލާމަރުކަޒީ ބާރު ކައުންސިލްތަކަށްދީ، ރާއްޖޭގެ ތިން ސަރަހައްދެއް އާބަން ސިޓީއެއްްގެ ގޮތުގައި ތަރައްޤީ ކުރެއްވުމުގެ ވައުދެވެ. ރަށު ކައުންސިލްތަކަށް ބާރުދީ، ރައްޔިތުންގެ ވެރިކަމެއް ކުރުމަށެވެ.
އިބޫގެ ވައުދުނާމާއި އެއްްގޮތަށް ރާއްޖޭގެ ވެރިކަން ކުރެއްވިއްޖެނަމަ ރާއްޖެތެރޭ ރައްޔިތުންގެ ބޭނުންތައް ފުދިގެންދާނެއެވެ. މުޅި ރާއްޖެ ހިނިތުންކޮށްލާނެއެވެ. މާލެ/ ރާއްޖެތެރޭގެ ފަރަގު ކުޑަވެގެންދާނެއެވެ. ދިވެހިން އެދޭ ފަދަ ވެރިކަމެއް ދިވެހިންނަށް ލިބިގެންދާނެއެވެ. ދިވެހި ހުރިހާ ރައްޔިތުންގެ އުއްމީދަކީވެސް އެއީއެވެ. ޖަޒީރާ ރައީސަށް މަރުހަބާ ކިޔަނީ އުފަލާއި އެކުއެވެ.