Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ކެމްޕޭނު ކުރީ އިހުލާސްތެރިކަމެއް ނެތި: ލަތީފް

ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރިއިރުވެސް ރައްޔިތުންގެ އިހުސާސްތައް ބެލުމަށް އިސްކަމެއް ދީފައިނުވާ ކަމަށާއި އެމަނިކުފާނު ބެއްލެވީ ރަށް ރަށަށް ވަޑައިގެން އިސް ބޭފުޅުން ބައިތިއްބައިގެން ޖަލްސާއެއް ބޭއްވޭތޯ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާއަށް އިންތިޚާބު ކުރެވުނު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް ވިދާޅުވީ ރައީސް ޔާމީން ފެއިލްވުމުގެ ވަރަށް ބޮޑު ރޯލެއް އެމަނިކުފާނު އަމިއްލައަށް ކުޅުއްވާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ރައްޔިތުން ނިކަމެތި ކޮށްލާފައިވާ ކަމަށާއި އެ ރައްޔިތުން ޖަވާބުދެއްވީ ވޯޓުން ކަމަށް ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ 12 މެމްބަރުންނާއި އެ ދާއިރާތަކުގެ ރައްޔިތުންނަށް ދިން ނިކަމެތި ކަމުގެ ބަދަލު އެ އޮތީ ވޯޓުން ދައްކާފައި. އެންމެ ދާއިރާއަކުން ވެސް ރައީސް ޔާމީނަށް މެޖޯރިޓީއެއް ނުލިބޭ،"

އެތައް ރައްޔިތުންނެއްގެ އަޑު ކަނޑުވާލީ އެމަނިކުފާނު ކަމަށް އަމިއްލައަށް އިއުތިރާފްވެވަޑައިގަތް ކަމަށް އޭނާ ވިދާޅުވިއެވެ. ގދ. ތިނަދޫގައި މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ ބުރަކޮށް މަސައްކަތް ކުރީ ރައީސް ޔާމީން ކަމަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ލަތީފް އަލިއަޅުވާލިއެވެ.

އަދި ކިތަންމެ ބައިވަރު ރަށަކަށް ވަޑައިގަތް ކަމަށް ރައީސް ޔާމީން ވިދާޅުވިޔަސް، އެރަށް ރަށުގެ ނިކަމެތި ރައްޔިތުންގެ އިޙުސާސްތައް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ރަށު ތެރެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުނުކުރާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ކެމްޕޭނުގައި ރައީސް ޔާމީން ފެނިވަޑައިގެން ދިޔައީ ނުނިމި ތިބި ވަރަށް ގިނަ މަޝްރޫއުތައް ނިންމައި، ހުޅުއްވައި ދެއްވަމުން ގެންދެވި ތަނެވެ. ބައެއް ދުވަހު އެމަނިކުފާނު ވަނީ ދެރަށް، ތިން ރަށަށް ވަޑައިގެން މަޝްރޫއުތައް ނިންމަވައި ދެއްވާފައެވެ. އަދި އެއަށް ފަހު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވާއިރު ވެސް މުޅިން ވެސް ފެނިގެން ދިޔައީ އިދިކޮޅު ފަރާތްތަކަށް، ޚާއްސަކޮށް އިދިކޮޅު ކެންޑިޑޭޓް އިބޫ އަށާއި އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވާ ތަނެވެ.

ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަ ދެއްކިތަނެއް، ރައްޔިތުން ކައިރިއަށް ވަޑައިގެން ހާލު ބެއްލެވި ތަނެއް މަދުން ނޫނީ ފެނިގެން ގޮސްފައިނުވާ ކަން ފާހަގަކޮށްލެވެއެވެ. އެއާ ޚިލާފަށް އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫއާއި ރަނިންމޭޓް ފައިސަލް ވަނީ ރައްޔިތުންނާ ބައްދަލުކޮށް ހާލު އޮޅުން ފިލުވައި ބޭނުންވާ ކަންތައްތައް އޮޅުންފިލުވާފައެވެ. އިބޫ ވަނީ މެނިފެސްޓޯ ތައްޔާރު ކުރާނީވެސް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ފަހު ކަމަށް ކެމްޕޭނުގެ ކުރީކޮޅު ވިދާޅުވެފައެވެ.