Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ރައީސް ޔާމީން ހުޅުއްވައިދެއްވި ކުޅުދުއްފުށީ އެއާޕޯޓު!

ކުޅުއްދުފިށީ އެއާޕޯޓުގައި ޗެކިން ކުރަނީ

ހދ. ކުޅުދުއްފުށީގެ ރައްޔިތުން އެއާޕޯޓަކަށް އެދުނު އެދުން ރައީސް އަބްދުﷲ ޔާމީން ވަނީ ފުއްދަވާ ދެއްވާފައެވެ.

އެތައް ބައެއްގެ އެތައް ފާޑު ކިއުންތަކަށް ބެއްލެވުމެއް ނެތި އެރަށުގައި އޮތް ރާއްޖޭގެ އެންމެ ބޮޑު މަށި ކިޅި ހަކާލުކޮށް އެއާޕޯޓުގެ ރަންވޭގެ ތާރު އަޅައި ޓެސްޓު ފްލައިޓު ވަނީ ޖައްސާފައެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވި ގޮތަށް ރައީސް ޔާމީން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރެއްގައި ފްލައިޓުގައި ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓާއި އެކު އެރަށުގެ ރައްޔިތުންގެ މޫނުމަތި ހިނިތުންވެއްޖެއެވެ. ނަމަވެސް މިހާރު ބައެއް މީހުން ކުރާ ސުވާލަކީ އެއާޕޯޓު ރައީސް ހުޅުއްވައި ދެއްވީ އެއާޕޯޓު މަޝްރޫއު ނިންމާލުމަށް ފަހު ހެއްޔެވެ.

އެންމެ ބޮޑު ސަބަބަކީ އެއާޕޯޓު ރަސްމީކޮށް ބޯވާރޭގައި ތެމި ފޯވެ ހުންނަވައި ހުޅުއްވައި ދެއްވި އިރު އެތަނުގައި އަޅަން ޖެހޭ ޓާމިނަލެއް ހެދިފައި ނެތެވެ. އެއެއާޕޯޓަށް ޗެކިން ކުރަނީ ޓިނުން ދަނގަޑު ހޮޅި ޖަހައި ހަދާފައިވާ ހަޓެއްގައެވެ. އެއާޕޯޓު ތަރައްޤީގެ ބޮޑު މަސައްކަތް އަދި ނުނިމެއެވެ.

ނުނިމޭ ތަނެއް ރަސްމީކޮށް ހުޅުއްވައި ދެއްވުން ގިނަ ބަޔަކު ނެގީ ޖޯކަކަށެވެ. އެކަން ބަލައި ނުގަތީ ކުޅުދުއްފުށީ ރައްޔިތުންނެވެ. އެރައްޔިތުން ވަނީ ބޮޑުތަނުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފައެވެ. އެއާޕޯޓަކުން ރައީސަށް ކުރި މަންފާއެއް ނެތެވެ.