ރިޔާސީ އިންތިޚާބުން ބަލިވެފައިވާކަން ގަބޫލުކޮށް އެކަން ދިވެހި ރައްޔިތުންގެ ކުރިމަތީގައި އިއުލާން ކުރެއްވި ނަމަވެސް ރައީސް ޔާމީން އަދިވެސް ބަލި ގަބޫލުނުކުރާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ތުހުމަތުކުރައްވައިފިއެވެ.
މަހޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރީތިކޮށް، ސުލްހަވެރިކޮށް ކަންކަން ގެންދަން އެބޭފުޅުން މަސައްކަތް ކުރި ނަމަވެސް ރައީސް ހުންނެވީ މަސްލަހަތު ގެއްލުވާލާ ގޮތަށް ކަމަށެވެ. އަދި އިންތިޚާބު ބާތިލުކުރުމަށް ރާވަމުންދާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.
ދިވެހި ރައްޔިތުންގެ ނިންމުން ގަޑުބަޑުކޮށްލުމަށް ފުލުހުންނާއި ސިފައިން، އިލެކްޝަންސް ކޮމިޝަން އަދި ސުޕްރީމް ކޯޓުން ފުރުސަތު ނުދިނުމަށް ވެސް މަހްލޫފް ވަނީ ގޮވާލާފައެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ ސޯލިހް ވަނީ ރައީސް ޔާމީނާއި އެކު ބޭއްވުނު ބައްދަލުވުމުގައި ރައްޔިތުން ބަސް އިއްވައިފި ކަމަށާއި ބަލި ގަބޫލުކުރައްވައިފި ކަމަށް ވިދާޅުވި ކަމަށް މަޖިލިސް މެމްބަރުންނާ ބައްދަލުކޮށް ހާމަކުރައްވާފައެވެ. އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ 34،000 ވަރަކަށް ވޯޓުގެ ތަފާތުންނެވެ.