Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރަނިލްއަށް ދައުވަތު އަރުވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގްއަށް ރައީސް މުހައްމަދު ނަޝީދު ދައުވަތު އަރުވައިފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ކޮލަމްބޯ ގެޒެޓުން ބޮޑުވަޒީރުގެ އޮފީހާއި ހަވާލާދީ ބުނެފައި ވަނީ ރައީސް ނަޝީދާއި ބޮޑު ވަޒީރު ވިކްރަމް ސިންގް ބައްދަލު ކުރެއްވީ އިއްޔެ ކަމަށެވެ. މި ބައްދަލުވުމުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބޮޑުވަޒީރު ވަޑައިގަތުމަށް ރައީސް ނަޝީދު ދައުވަތު އެރުވި ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރަށް ރާއްޖޭގައި މިހާތަނަށްވެސް ލަންކާގެ ވިޔަފާރިވެރިން އިންވެސްޓްކޮށްފައިވާކަން ފާހަގަކުރައްވައި ރާއްޖެއަށް ލަންކާއިން އިތުރަށް އިންވެސްޓް ކޮސްދިނުމަށްވެސް ރައިސް ނަޝީދު ވަނީ އެދިލައްވާފައި ކަމަށް އެނޫހުން ބުނެއެވެ.

ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބް އިދިކޮޅު ކެންޑިޑޭޓް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާއި ގުޅިގެން ލަންކާ ބޮޑުވަޒީރު ވަނީ އިންތިހާބީ ރައީސް އިބޫއާއި ފޯނުން ގުޅުއްވައި ރާއްޖެއިން އެދޭ ކޮންމެ ކަމެއް ލަންކާއިން ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.