Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މުޒާހަރާ ކުރާނަން: ނިހާން

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަންކަން ނުކުރެވޭނަމަ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ މުޒާހަރާވެސް ކުރާނެކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދިން "ނޭޝަން ފަސްޓު" ޕްރޮގްރާމުގައި ޕްރެޒެންޓަރ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ މުޒާހަރާ ކުރާނެކަމަށާއި ނަމަވެސް މަގުތަކަށް އެއްވެ މިހާރު އިދިކޮޅުން ކުރާ ގޮތަށް މުޒާހަރާ ނުކުރާނެކަމަށެވެ.

ނިހާން ވިދާޅުވީ މިހާރުވެސް މުޒާހަރާ ކުރަން ފުރުސަތު އޮތް ކަމަށާއި އެގޮތަށް ހުއްދަ ހޯދައިގެން އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ބޭނުން ނުވާކަމަށެވެ. އަދި މަގުތައް ހަލަބޮލި ކޮށްގެން މުޒާހަރާ ކުރުން ހުއްޓުވީ މި ސަރުކާރުން ކަމަށެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ތަރައްޤީ ވަކި ބަޔަކަށް ނުފެނި އެމަނިކުފާން އިންތިހާބް ނުކުރެއްވުމަކީ އެމަނިކުފާން ބަލިވީ ނޫން ކަމަށާއި، އަލުން އެނބުރި މާ ބަދަހިކޮށް އަންނާނެކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ތަރައްޤީގެ މަސައްކަތް ކުރައްވަން ޖެހޭނެކަމަށާއި އަނެއްކާވެސް ރާއްޖޭގެ ހަރު މުދާ ބޭރު ފަރާތްތަކަށް ވިއްކާ ނުލުމަށް ނިހާނު ވިދާޅުވިއެވެ. އަދި އެފަދަ ފުރުސަތެއް އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ ނުދެއްވާނެކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާނު މިފަދައިން ވިދާޅުވި އިރު އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ޕީޕީއެމްގެ ހާއްސަ ގައުމީ ޖަލްސާ ބާއްވަން އެޕާޓީން ވަނީ ނިންމައި އިއްލާން ކޮށްފައެވެ.