Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ޕީޕީއެމް ދަމައިގަންނަން ލާހިކައެއް ނޫން: ނިހާން

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް(ޕީޕީއެމް) މިހާރު ހިންގަމުންދާ އެޕާޓީގެ ލީޑަޝިޕް އަތުން ޕާޓީ އަތުލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށާއި ބާއްވަން ހަމަޖެހިފައިވާ ކޮންގްރެސް ހުއްޓުވަން ބަޔަކު ބޭނުންނަމަ ކޯޓަށް މައްސަލަ ހުށައެޅުމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިވަނީ އެޕާޓީގެ ނައިބު ރައީސްކަން ކުރިން ކުރެއްވި، ތުލުސްދޫ ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު އިބްރާހިމް ޕާޓީގެ ކޮންގްރެސް ހުއްޓުވާނެ ކަމަށް ބުނެފައިވަނިކޮށެވެ. ވައްޑެ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ އިންތިޚާބީ ރައީސްއަށް ނޭނގި ކޮންގްރެސްއެއް ނުބޭއްވޭނެ ކަމަށެވެ.

ޕާޓީ އުފެއްދެވި ކުރީގެ ރައީސް މައުމޫނާއި، ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނާ ދެމެދު އޮތް ގުޅުން ގޯސްވެ ޕާޓީ ބައިބައިވުމާ ގުޅިގެން ސިވިލް ކޯޓަށް ހުށައެޅި މައްސަލައެއްގައި އެކޯޓުން ވަނީ ގައުމީ މަޖިލީހުން ވަކި ގޮތެއް އަންގަންދެން މުސްތަޝާރާއި ޕާޓީ ހަވާލުކުރަން ހުކުމްކޮށްފައެވެ. އަދި ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އޭގެ ފަހުން ހުރިހާ ބާރެއް ރައީސް ޔާމީނާ ހަވާލުކޮށްފައެވެ.

ނަމަވެސް އޭރުވެސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެކަން ކޮށްފައިވަނީ އަސާސީ ގަވާއިދާއި ޚިލާފަށް ކަމަށް ބުނެފައެވެ. އޭރު އެމައްސަލަ ބަލާނެ ބަޔަކު ނެތްއިރު ރައީސް މައުމޫންގެ އޮފީހުން، ޕީޕީއެމްގެ ލޯގާއާއި ދިދަ ބޭނުން ކުރުމުން ކޯޓު އަމުރެއްގެ ދަށުން އޮފީސްވެސް އޭރު ބަންދުކުރިއެވެ.

ނިހާން ވަނީ ވައްޑެއަށް ރައްދު ދެއްވަމުން ޕާޓީގެ މައްސަލައާ ގުޅޭގޮތުން އެބޭފުޅުން ވަޑައިގަންނަވަން ޖެހޭނީ ކޯޓަށް ކަމަށް ވިދާޅުވެފައެވެ. އަދި ކޯޓު ހުކުމަކާ އެކު ހުރިހާ މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހު ވަޑައިގަތުމަށް ބުނެފައިވެއެވެ.