Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އައްޑޫގެ ޓޫރިޒަމް ޒޯންތަކަށް ބިން ދޫކުރަން ކުރި އިއްލާން ބާޠިލްކޮށްފި

އައްޑޫ ސިޓީ އިންޓަގްރޭޓަޑްގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމަށް ބިން ދޫކުރަން ކުރި އިއްލާން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބާޠިލް ކޮށްފިއެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯންތަކަށް ބިންދޫކުރުމަށް އެމްއައިޓީޑީސީން ހުޅުވާލީ ސެޕްޓެމްބަރ 13 ވަނަ ދުވަހުއެވެ.

އެމްއައިޓީޑީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރަ ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންފުޅުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށެވެ.

މިމަޝްރޫޢުގެ ބިޑް ފޮތް ވިއްކުމާއި ބިޑް ބަލައިގަތުން 17 ސެޕްޓެމްބަރ 2018 އިން 27 ސެޕްޓެމްބަރ 2018 ކުރިއަށްގެންދިއުމަށް ނިންމައި އިއްލާން ކޮށްފައިވާ އިރު ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 01 އޮކްޓޯބަރ 2018 ގައެވެ.

އޭރު ކުރި އިއްލާންގައިވާ ގޮތުން ބިޑް އިވެލުއޭޓްކުރުން އޮންނާނީ 02 އޮކްޓޯބަރ އިން 04 އޮކްޓޯބަރ 2018 އާއި ދެމެދުއެވެ.

މި މަޝްރޫއުގެ ބިޑް ފޮތްތައް އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ "ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް" ވަނީ ވިއްކާފައެވެ.

އެމްއައިޓީޑީސީގެ އިއްލާން ބާޠިލްކޮށްފައިވަނީ ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިވެ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވިވަޑައިގެންފައި ވަނިކޮށެވެ.