ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ވަޒީފާއަށް ނުނިކުންނަ ގޮތަށް ދޫކުރި ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް)ގެ މުވައްޒަފުންގެ މުސާރަ އާއި އިތުރު ގަޑި ދިނުމަށް އެތަނުގެ އެޗްއާރު މުވައްޒަފުންނަށް މަޖްބޫރު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޕީއެލްގެ ވަޒީފާއަށް ނުނިކުންނަ ގޮތަށް ކެމްޕެއިނަށް 18 ވަރަކަށް މުވައްޒަފުން ވަނީ ދޫކޮށްފައެވެ. އެ ގޮތަށް ދޫކުރި މުވައްޒަފުންނަށް މުސާރަ އާއި އިތުރުގަޑު ދިނުމަށް ވެރިން މަޖްބޫރު ކުރަމުން އަންނައިރު އެމުވައްޒަފުންނަށް މުސާރަ އާއި އިތުރު ގަޑި ނުދެވިގެން އުޅެނީ އެމުވައްްޒަފުންގެ އޮފިސް ހާޒިރީ ފުރިހަމަކޮށްފައި ނުވާތީއެވެ.
ކެމްޕެއިނަށް ދޫކުރި މުވައްޒަފުން އެޓެންޑެންސް ފުރިހަމަކޮށްފައި ނުވާތީ އެ އޮފީހުގެ އައިޓީ މުވައްޒަފުންނަށް އެޓެންޑެންސް ބަދަލު ކުރުމަށްވެސް ދަނީ މަޖްބޫރު ކުރަމުންނެވެ. އަދި އެކަމާއި ގުޅުން ހުރި ލިޔެކިއުންތައް ބަދަލު ކުރުމަށްވެސް ދަނީ މަޖްބޫރު ކުރަމުންނެވެ.
ނަމަވެސް އެ މުވައްޒަފުންގެ މުސާރަ އާއި އިތުރު ގަޑީގެ ފައިސާ ގާނޫނާއި ގަވާއިދާއި ހިލާފަށް ދޫނުކުރުމަށާއި ލިޔެކިއުން ބަދަލު ނުކުރާނެކަމަށް އެޗްޕީއެލްގެ އެޗްއާރު މުވައްޒަފުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެޗްޕީއެލްގެ އެސިސްޓެންޓު މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު)އަށް މިއަދު ހެނދުނުން ފެށިގެން ތަކުރާރުކޮށް ފޯނު ކުރުމުންވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެކަމާއި ގުޅޭ އިތުރު މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެޗްޕީއެލްގެ މުވައްޒަފުންނާއި ވެހިކަލްތައް ބޭނުންކޮށްފައިވާ އިރު އެކަން ކޮށްފައިވަނީ ކޮން އުސޫލަކުން ކަން ސާފެއް ނުވެއެވެ.