Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

މައުމޫންގެ އާއިލާ، އިބޫއާ ބައްދަލުކޮށްފި

ހައްޔަރުކޮށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މައުމޫންގެ އާއިލާއިން އިންތިޚާބީ ރައީސް، އިބްރާހިމް މުޙައްމަދު ސޯލިހާ ބައްދަލުކުރައްވައިފިއެވެ.

މައުމޫންގެ ދަރިކަނބަލުން ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިބޫއާ ބައްދަލުކޮށް ރައީސް މައުމޫން އަދިވެސް ޖަލުން ދޫކޮށްފައިނުވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ޖަލު ބަންދުން ދޫކުރުމަށް ކަރެކްޝަންސްގެ މެޑިކަލް ބޯޑުން އިއްޔެ ވަނީ ލަފާ އަރުވާފައެވެ. އަދި މައުމޫންގެ އާއިލާއާއި ވަކީލުން ވަނީ މިއަހަރުގެ މޭ މަހުން ފެށިގެން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ދެރަވެ އެކަހެރިކޮށް ނުބެހެއްޓުމަށް ޑޮކްޓަރުން އަރުވާފައިވާ ލަފާ، ކޯޓު ތަކާއި މިނިވަން މުއައްސަސާތަކަށް ހުށައަޅައި މައުމޫން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.

ނަމަވެސް އެއްވެސް ފަރާތަކުން އެކަށީގެންވާ ޖަވާބެއް ދީފައިނުވާ ކަމަށް މައުމޫންގެ އާއިލާއިން ވަނީ ހާމަކޮށްފައެވެ. ރައީސް މައުމޫންގެ ފަރާތުން ބޭއްވި މިބައްދަލުވުމުގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރި ޔުމްނާގެ ފިރިކަލުން ނަދީމްވެސް ވަނީ ބައިވެރިވެފައެވެ. ނަދީމް ކޯޓުން މިނިވަން ކުރީ ހޯމަ ދުވަހުގައެވެ.