Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތައް މޯދީ އަށް ދައުވަތު ދީފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ - ފޮޓޯ: ޑީއެންއޭ އިންޑިއާ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތު އަރުވައިފިއެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މޯދީ އިބޫއާއި ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި އިބޫ އިންޑިއާއަށް ވަޑައިގަތުމަށް ދައުވަތު އެރުއްވި ކަމަށެވެ. އަދި އިބޫ ވެސް ވަނީ އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތުދެއްވާފައި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެއްސެވި ނަމަވެސް، ރާއްޖެއާއި އިންޑިއާ އާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން އެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފައެވެ.

އިންޑިއާ އިން ބުނާ ގޮތުގައި ރާއްޖެއާއި އިންޑިއާ އޮންނަ ގުޅުން ހީނަރުވެފައި ވަނީ ރާއްޖެ އިންޑިއާ ފަސްޓް ޕޮލިސީއަށް އަމަލުކުރުން ހުއްޓަލުމާއި ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ފަސްޓް ޕޮލިސީއަށް އަމަލުކުރުން ރާއްޖެއިން ހުއްޓާލާފައި ނުވާ ކަމަށެވެ.

އިބޫގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގް އަށްވެސް ވަނީ ދައުވަތު ދެއްވާފައެވެ.