އަންނަ އާދިއްތަ ދުވަހު ނުވަތަ އޭގެ ކުރިން ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި އާދިއްތަ ދުވަހު ނުވަތަ އޭގެ ކުރިން ދާއިމީ ނަތީޖާ އިއުލާން ކުރާނެ އެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނު ބުނާގޮތުން ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ.
އަކްރަމް ވިދާޅުވީ ދާއިމާ ނަތީޖާ ލަސްވަނީ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށް ތަންތާނގައި ބަހައްޓާފައިވާ ބައެއް ވޯޓު ފޮށިތައް އީސީ އަށް އަދި ލިބިފައިނުވުމުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ ވޯޓުލީ ދުވަހާއި ހަމައަށް ހުށަހެޅިފައިވާ 78 ޝަކުވާގެ އިތުރުން، އިތުރު ޝަކުވާއެއް ކޮމްޕްލެއިންސް ބިއުރޯއަށް ލިބިފައިވާކަން އެނގިނުވާ ކަމަށާއި، އިތުރު ޝާކުވާއެއް ހުށަހެޅިފައިވޭތޯ ޖެހޭނީ ބަލާލަން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގެންނެވީ 134،616 ވޯޓު ކަމަށްވާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ.
އެހެންކަމުން، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައި ވަނީ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.