Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

ރައްޔިތުން ބަސްބުނެފި، ދެން ޤާނޫނާ ޚިލާފަކަށް ކަމެއް ނުކުރެވޭނެ: މާރިޔާ

އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާާރިޔާ އަހުމަދު ދީދީ / ފޮޓޯ : ޓްވީޓާ

މިދިޔަ އާދިއްތަ ދުވަހު ދިވެހި ރައްޔިތުން އެމީހުންގެ ބަސް ބުނެފި ކަމަށާއި އޭގެ ފަހުން ޤާނޫންއާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އިންތިޚާބީ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަން ބޭނުން ނުވާކަމަށް ރައްޔިތުން ބުނެފައިވާ ކަމަށާއި، ދިވެހި ރައްޔިތުން އިޚްތިޔާރު ކުރީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައްޔިތުންގެ ބަސްބުނީމާ ދެން އިތުރު ކަންކަން ކުރުމުގެ ޤާނޫނީ ހައިސިއްޔަތު މިސަރުކާރަށް ވަނީ ގެއްލިފައި ކަމަށެވެ.

މީގެ އިތުރުން އެކިއެކި އޮފީސްތަކުން ލިޔުންތައް ނައްތާލުމާއި މީހުންގެ މުސާރަތައް ބޮޑުކޮށް، ގޯތި ދިނުންފަދަ ކަންކަން ކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ އެފަދަ ކަންކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، އެފަދަ ޣައިރު ޤާނޫނީ ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އަދި ގުޅިފައިވާ އިއްތިހާދާއެކު ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި، އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމުން ވެރިކަމުގެ ބާރުތައް ބަދަލު ކުރުމާ ގުޅޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރައްވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ މިމަރުހަލާ ކުރިއަށްދާއިރު ކުރެވޭ ޤާނޫނާ ޚިލާފު މުއާމަލާތްތައް ބައްލަވާނެ ކަމަށާއި، އެފަދަ ކަންކަން ނުކުރުމަށް އިންތިޚާބީ ރައީސް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.