Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

ޝުމްބާގެ ބަންދާމެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސަޕޯޓަރެއް ކަމަށްވާ ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަޝްރަފް(ޝުމްބާ ގޮންގް)ގެ ބަންދު ގިނަ ދުވަސްތަކަކަށް ފަހު ރިވިއުކުރަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ޓްވިޓާގައި އަދިވެސް ސަލާމަތް ނުވޭހޭ މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޝުމްބާ ބުނީ އޭނާގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށެވެ.

ޝުމްބާ ފުލުހުން ހައްޔަރު ކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް މަރުގެ އިންޒާރު ދީ ބިރު ދެއްކުމުގެ ތުހުމަތުގައެވެ.

ޒާހިދު ރަމީޒް ކޯޓުގައި ބުނެފައިވަނީ އަޝްރަފް ވަނީ ވައިބާ، ޓުވިޓާ އަދި އެސްއެމްއެސް މެދުވެރިކޮށް އޭނާއަށް އިންޒާރުދީ ބިރުދައްކާފައި ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ޑރ.އަފްރާޝީމް އަވަހާރަކޮށްލާފައިވާ ފޮޓޯއާއި ބޭރު މީހުން މަރާލެވިފައިވާ ފޮޓޯތައް ފޮނުވައި ބިރު ދެއްކި ކަމަށްވެސް ޒާހިދު ރަމީޒު ބުނެފައިވެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ، ޝުމްބާ ހައްޔަރުކޮށްފައިވަނީ އަދީބު ހައްޔަރުކުރުމަށްފަހު ލަންކާއިންނެވެ.