Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

ވޯޓާ ގުޅޭ ޝަކުވާތައް ވީއެންމެ އަވަހަކަށް ފޮނުވައި ދެއްވާ: ނިހާން

އަހްމަދު ނިހާން - ފޮޓޯ: ސަން

މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅޭގޮތުން ހުރި ޝަކުވާތައް ވީހާވެސް އަވަހަކަށް ޕީޕީއެމްގެ އޮފީހަށް ފޮނުވައިދިނުމަށް، ޕީޕީއެމް ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު އެދިވަޑައިގެންފި އެވެ.

ނިހާން މިގޮތަށް އެދިވަޑައިގެންފައި ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބަރ ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ނިހާން ވިދާޅުވެފައި ވަނީ ވޯޓުލެވޭ މީހުންގެ ގޮތުގައި ގެޒެޓްކުރި ލިސްޓުގައި ނަން އޮވެފައި، ވޯޓުލާން ދިޔަ އިރު، އެހެން ތަނެއްގައި ނަން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށާއި، ޕީޖީ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މިފަދަ މައްސަލަތައް ހުރިތޯ ބަލައި، އެ މައްސަލަތައް ޕާޓީގެ އޮފީހަށް އަވަހަށް ފޮނުއްވައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނިހާން ފޮނުވި މި މެސެޖް ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ އިރު، ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން ވަނީ މިއީ ނިހާން ފޮނުއްވެވި ސައްހަ މެސެޖެއްކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

134،616 ވޯޓާއެކު 58%ގެ އަޣްލަބިއްޔަތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އިބޫ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ ބަލި ޤަބޫލުކުރައްވައި، ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާ ކަމަށާއި އޮމާންކަމާ އެކު ވެރިކަން ބަދަލުކުރުމުގެ ކަންތައް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.