އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބް ބާޠިލް ކުރުމަށް ހުށަހަޅަން އުޅޭކަމުގެ އަޑުތަކެއް އިވެމުންދާ ކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކަންކަން ނިމިގެން ގޮސްފައިވަނީ ވަރަށް އަމާން އޮމާންކޮށް ކަމަށާއި އިންތިހާބު ތެރޭގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ. ނަމަވެސް އިންތިހާބު ބާތިލްކުރުމަށް ޝަކުވާތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ބާތިލްކުރަންޖެހޭ ފަދަ މައްސަލައެއްް ހުރި ކަން އެނގޭނީ އެ ޝަކުވާތައް ލިބުމުން ބަލައި ދިރާސާކުރުމަށް ފަހު ކަމަށެބެ. ނަމަވެސް އިންތިހާބު ބާޠިލް ކުރަން ޖެހެފަދަ އެއްވެސް މައްސަލައެއް އަދި މިހާތަނަށް ދިމާވެފައި ނުވާ ކަމަށެވެ.
އިލެކްޝަން ކަމިޝަންގެ ރައީސް އިންތިހާބުގެ ތެރޭގައި ރިޝްވަތު ނަގައިގެން ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުވެސް ވަނީ ގަދަ ވެފައެވެ. ޝަރީފް ވިދާޅުވީ އިންތިހާބުގައި ވެސް އަދި އޭގެ ކުރީގައިވެސް އެފަދަ އެއްވެސް ކުށެއް ކޮށްފައި ނުވާނެކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާ އިރު އިންތިހާބާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް އެޗްޑީސީ ތެރޭގައި މަސައްކަތް ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވަނީ ޓްވީޓު ކުރައްވާފައެވެ. މީގެ އިތުރުން ޕީޕީއެމް ޕީޖީ ލީޑަރ އަހުމަދު ނިހާން ވަނީ އިންތިޚާބުގެ ވޯޓާ ގުޅޭގޮތުން ހުރި ޝަކުވާތައް ވީހާވެސް އަވަހަކަށް ޕީޕީއެމްގެ އޮފީހަށް ފޮނުވައިދިނުމަށް އެދިވަޑައިގެންފައެވެ.