Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

ޤާނޫނާއި ޚިލާފަށް އިންތިޚާބު ބާތިލްކުރަން އާޒިމާ މިވަގުތު ހުންނެވީ ހައި ކޯޓުގައި: މަހުލޫފް

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް - ފޮޓޯ: ރާއްޖެއެމްވީ

މިިދިޔަ އާދިއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވެފައި ވަނީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ ޤާނޫނާއި ޚިލާފަށް އާދިއްތަ ދުވަހުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރުމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝުކޫރު މިވަގުތު ހައި ކޯޓަށް ވަޑައިގެން އުޅުއްވާ ކަމުގެ މަޢުލޫމާތު ވަރަށް އިތުބާރުހުރި ފަރާތްތަކުން ލިބެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މަހުލޫފް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި އިންތިޚާބު ބާތިލްކޮށްގެން، އިންތިޚާބު ވަގަށް ނެގުމުގެ ފުރުސަތު ރައީސް ޔާމީން އާއި އެމަނިކުފާނުގެ ބައިވެރިންނަށް، ދިވެހި ރައްޔިތުން ނުދޭނެ ކަމަށެވެ.

އަދި އެފަދަ ޢަމަލެއް ހިންގަން އުޅޭ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ޝަރީޢަތް ހިންގައި އަދަބު ދޭން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ މިއީ ރައްޔިތުންގެ ބާރު ދައްކަން ޖެހޭ ވަގުތު ކަމަށެވެ.

މިއަދު ހެނދުނު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރީތިކޮށް، ސުލްހަވެރިކޮށް ކަންކަން ގެންދަން އެބޭފުޅުން މަސައްކަތް ކުރި ނަމަވެސް ރައީސް ހުންނެވީ މަސްލަހަތު ގެއްލުވާލާ ގޮތަށް ކަމަށެވެ. އަދި އިންތިޚާބު ބާތިލުކުރުމަށް ރާވަމުންދާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

ދިވެހި ރައްޔިތުންގެ ނިންމުން ގަޑުބަޑުކޮށްލުމަށް ފުލުހުންނާއި ސިފައިން، އިލެކްޝަންސް ކޮމިޝަން އަދި ސުޕްރީމް ކޯޓުން ފުރުސަތު ނުދިނުމަށް ވެސް މަހްލޫފް ވަނީ ގޮވާލާފައެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ ސޯލިހް ވަނީ ރައީސް ޔާމީނާއި އެކު ބޭއްވުނު ބައްދަލުވުމުގައި ރައްޔިތުން ބަސް އިއްވައިފި ކަމަށާއި ބަލި ގަބޫލުކުރައްވައިފި ކަމަށް ވިދާޅުވި ކަމަށް މަޖިލިސް މެމްބަރުންނާ ބައްދަލުކޮށް ހާމަކުރައްވާފައެވެ. އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ 34،000 ވަރަކަށް ވޯޓުގެ ތަފާތުންނެވެ.