ހައްޔަރު ކުރަންޖެހޭ ވަރުގެ އެއްވެސް ޖިނާއީ ކުށެއް ކޮށްފައި ނުވާނެކަމަށް އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބް އޮޅުވާލުމަށް ރިޝްވަތު ނަގާފައިވާކަމަށް ބުނެ ޝަރީފު ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް ޝަރީފް މިއަދު ވިދާޅުވީ އޭނާ ހައްޔަރު ކުރަންޖެހޭ ވަރުގެ ކުށެއް ކޮށްފައި ނުވާނެކަމަށާއި އެފަދަ ތުހުމަތުތަކަށް ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށެވެ.
އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިވެފައިވާ އިރު ވޯޓާއި ގުޅޭ ޝަކުވާތަކެއް އިލެކްޝަން ކަމިޝަނަށް ހުށަހެޅުމަށް ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން ތެރޭގައި ފޯމު ފުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފު ވަނީ ވިދާޅުވެފައެވެ.
އަދި އެފަދަ ޝަކުވާތަކެއް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް އަހާފައިވާކަމަށް އިލެކްޝަންސްގެ ރައީސް ޝަރީފު ވަނީ ވިދާޅުވެފައެވެ.