ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން ކުރިންވެސް ހަމަޖެހިފައި އޮތް ދުވަހު އިއުލާން ކުރެވޭނެ ކަމަށާއި އެކަން ފަސް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ފަރާތުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކޮށްފައިވޭތޯ މީޑިޔާތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އޭނާ ވަނީ މިމަހުގެ 30 ވަނަ ދުވަހު ނުވަތަ އޭގެ ކުރިންވެސް ދާއިމީ ނަތީޖާ އިއުލާން ކުރެވިގެން ދާނެ ކަމަށް ބުނެފައެވެ.
ނަމަވެސް ގާނޫނު އަސާސީއާއި ޚިލާފު ނުވާނެ ކަމަށާއި 30 ވަނަ ދުވަހަށް ވުރެ ފަހުން ދާއިމީ ނަތީޖާ އިއުލާން ކުރަން ނިންމާފައިނުވާ ކަމަށް އީސީން ބުނެފައިވެއެވެ.
ޕީޕީއެމުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު އެޕާޓީގެ އިސް ބޭފުޅުން ވަނީ މީގެ އެއް ދުވަސް ކުރިން އިންތިޚާބުން ބަލިވިކަން ގަބޫލުކޮށް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ބުނެފައިވަނިކޮށް މިހާރު އިންތިޚާބުން މަކަރު ހަދާފައިވާ ކަމަށް ބުނެ ބާތިލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވެފައިވަނީ 34،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ. އަދި މިއަދާ ހަމައަށް އިންތިޚާބުގެ ސައްހަ ކަމާމެދު އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.