ރައްޔިތުންގެ ނިންމުން ސިފައިން ދަމަހައްޓާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު ބާޠިލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުފެތުރިފައިވަނިކޮށް މިރޭ "ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ޖެނެރަލް ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ވޯޓުން ނިންމާފައިވާ ނިންމުން ސިފައިން ދަމަހައްޓާނެކަމަށެވެ. އަދި އިންތިހާބް ބާޠިލް ކުރުމުގެ ވާހަކަ ތަކަކީ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ހަބަރެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރައްޔިތުންގެ ނިންމުން ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ބަދަލެއް ނުކުރާނެ ކަމަށާއި، ފުލުހުންނާއި އިލެކްޝަނުންވެސް އެ ނިންމުން ދަމަހައްޓާނެކަމަށެވެ.
ޖެނެރަލް ޝިޔާމް މިގޮތަށް ވިދާޅުވިއިރު އިންތިހާބުގެ ދާއިމީ ނަތީޖާ އިއްލާން ކުރުން ފަސްކޮށްދިނުމަށް ޕީޕީއެމްއިން ކޯޓަށާއި އިލެކްޝަނަށް ވަނީ ހުށަހަޅާފައެވެ.
ރިޔާސީ އިންތިހާބު ބޮޑުތަނުން ރައީސް ޔާމީން ނާކާމިޔާބުވެފައިވާ އިރު މިދިޔަ ހޯމަ ދުވަހު ރައީސް ޔާމީން ވަނީ ބަލި ގަބޫލް ކުރައްވާފައެވެ.