Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

އިންތިޚާބު ބާތިލް ކުރަން ނިންމާފައެއް ނުވާނެ: ނިހާން

އަހުމަދު ނިހާން ހުސައިން މަނިކު. ފޮޓޯ: ރާއްޖެ.އެމްވީ

މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރުމަށް އެއްވެސް ތަނަކަށް އަދި ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރުމަށް އަދި އެ ޕާޓީއިން ނުވިސްނާ ކަމަށް، ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ ޕީޕީއެމް އިން ރޭ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާއެކު ބޭއްވުނު ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ނިހާން ވިދާޅުވެފައި މިވަނީ ޕީޕީއެމް އިން ރިޔާސީ އިންތިހާބު ބާތިލު ކުރަން އުޅޭ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. އެގޮތުން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސް ކުރަން ވެސް އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ ކަމަށް ވެސް އަޑު ފެތުރިފައިވަނިކޮށެވެ. އަދި މިވާހަކަތައް ބޭރުގެ މީޑިއާތަކަށް ވެސް ވަނީ ގޮސްފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އިންތިހާބު ބާތިލު ކުރަން އުޅޭ ކަމަށް ހަވީރުއްސުރެއް ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވީ ނަމަވެސް އެފަދަ އެއްވެސް ކަމެއް ހިންގާކަށް ނޫޅޭ ކަމަށެވެ. އަދި ހައި ކޯޓަށް ނުވަތަ އެހެން އެއްވެސް ތަނަކަށް ވެސް އެފަދަ ބާވަތެއްގެ މައްސަލައެއް ހުށަހަޅާ އެފަދަ ކަމެއް ކުރުމަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންތިހާބު ބާތިލު ކުރުމަށް ހައި ކޯޓަށް ހުށަހަޅާ އެފަދަ އެއްވެސް ކަމެއް ކުރާކަށް ނިންމާފައެއް ނުވާނެ، އަދި އެފަދަ ކަމަކަށް މަޝްވަރާއެއްވެސް ނުކުރަން،" ނިހާން ވިދާޅުވި އެވެ.

ބާތިލް ކުރަން ޖެހޭ ހާލަތެއް އެބައޮތްތޯ ސުވާލު ކުރުމުން ނިހާން ވިދާޅުވީ އެކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ރޭވިގެން އިންތިހާބުގެ ހަމަތަކެއް ބަދަލު ކުރަން އުޅުނު ފަދަ ޝަކުވާތަކެއް ހުރި ކަމަށާއި އެކަންކަން ޕާޓީ ލެވަލްގައި ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން ޕީޕީއެމް އިން އީސީއަށް ހުށަހަޅާފައި ވަނީ އާންމު މެންބަރުންގެ ފަރާތުން އައިސްފައިވާ ބައެއް ޝަކުވާތަކެއް ކަމަށާއި ނަތީޖާ އިއުލާން ކުރުން ފަސް ކުރަން އެދިފައި ނުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އީސީގެ ކިބައިން އެދިފައި ވާނީ އެ ނަތީޖާ ލަސް ނުކޮށް އަދި އަވަސް ވެސް ނުކޮށް، އޮންނަންވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ކުރުމަށް ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މިރޭގެ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އެ ޕާޓީ އިން ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވާ ކޮންގްރެސްއާ ބެހޭ ގޮތުން ކަމަށާއި އެގޮތުން އަސާސީ ގަވާއިދަށް ބައެއް ބަދަލުތައް ގެނައުމަށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ.