Last Updated: June 10, 18:05
Wednesday, June 10, 2026
މުނިފޫހިފިލުވުން

ސަލްމާ ޑައިރެކްޓަރުގެ ގޮނޑިއަށް

ސަލްމާ އާއި އޭނާގެ ދަރިފުޅު ސާޝާ މެދުގައި.

ފިލްމް "ނިކާހް" ގެ ލީޑް ރޯލުން ބޮލީވުޑަށް ތައާރަފްވެ، އެ ފިލްމްގައި ހިމެނޭ "ދިލް ކެ އަރްމާން ލަވަ ކިޔައިގެން އާންމުންގެ ބޮޑު ސަމާލު ކަމެއް ހޯދި ޕާކިސްތާނުގެ ބަތަލާ އަދި ލަވަކިޔުންތެރިޔާ ސަލްމާ އާގާ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ.

އޭނާ ބުނީ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު، އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމްވެގެން ދާނީ އަންހެނުންނާ ގުޅޭ ގޮތުން ތައްޔާރު ކުރާ ފިލްމަކަށް ކަމަށެވެ.

"އަހެރެން ބޭނުމެއް ނޫން އެއްވެސް ކަމެެއް ނުކޮށް ވަގުތު ބޭކާރު ގޮތުގައި ދުއްވާލަކަށް. އެހެންވެ އަަބަދު ވެސް އާ ކަމެއް ކޮށްލަން ބޭނުން ވަނީ،" 1982 ވަނަ އަހަރު "ނިކާހް" އިން ބޮލީވުޑަށް ނިކުތް ސަލްމާ ބުންޏެވެ. "އެހެން ނަމަވެސް ފިލްމާ ބެހޭ ގޮތުން އަދި މާ ބޮޑު ތަފުސީލެއް ދޭން ތަންކޮޅެއް ދަތި. އެކަމަކު ހަމަ ޔަގީނުން ވެސް އެ ފިލްމްވެގެން ދާނީ އަންހެނުންނާ ގުޅޭ ތީމަކަށް ހަދާ ފިލްމަަކަށް. ފަަހަރެއްގައި ހަމަ ވެދާނެ އެއީ އަހަރެންގެ ލައިފާ ގުޅުން ހުރި ފިލްމަކަށް ވެސް."

އުމުރުން މިހާރު 51 އަހަރުގެ ބަތަލާ ފިލްމެއް ޑައިރެކްޓް ކުރަން ނިންމި ނަމަވެސް އެ ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ.

ސަލްމާގެ ދެ ކުދިންގެ ތެރެއިން އަންހެން ދަރިފުޅު ސާޝާ އާގާ ވެސް މި މަހުގެ 17 ވަނަ ދުވަހު ނިކުންނަ ޔާޝްރާޖް ފިލްމްސްގެ "އޯރެންގަޒަބް" އިން ބޮލީވުޑަށް ތައާރަފު ވާނެ އެވެ. އެ ފިލްމްގައި ސާޝާ ފެނިގެން ދާނީ އަރުޖުން ކަޕޫރާ އެކުގަ އެވެ.

މަންމައެކޭ އެއްގޮތަށް ސާޝާއަކީ ވެސް ލަވަކިޔުންތެރިއެވެ. އެގޮތުން "އޯރެންގަޒަބް" އަށް އޭނާ ކިޔައ ދީފައިވާ "ބަރްބާދިޔާން" ލަވަ މިހާރު އުޅެނީ ޗާޓްތަކުގެ ކުރީގަ އެވެ.