Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

ޝަރީއަތަށް ވަނުމުން ހަސަން ސައީދުގެ ކޮއްކޮއަކު ވަޒީފާ އިން ވަކިކޮށްފި

ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު

ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މިނިވަން ކުރުމަށް މި ދިޔަ ހޯމަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމަކަށް ވަން، އޭނާގެ ކޮއްކޮއަކު ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި އެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ ހަސަން ސައީދަށް ބޮޑުބޭބެ ވިދާޅުވާ، މަރިޔަމް ނަޝީތާ ނަޝީދު އެވެ. އެ ބޭފުޅާއަކީ އަދާކުރައްވަމުން ގެންދެވީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމުކަމަށް މައުލޫމާތު ލިބެއެވެ. އެކަމަކު ބޭބެގެ ޝަރީއަތުގެ އަޑުއެހުމަށް ވަނުމާ ގުޅިގެން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ނަޝީތާ ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ކަށަވަރުކޮށްދެއްވާފައެވެ.

ފޭސްބުކްގައި ނަޝީތާ ލިޔުއްވި ގޮތުގައި ކެރިއަރަށް އަމާޒުކޮށް، ޕްރޮފެޝަނަލްކޮށް ވަޒީފާ އަދާ ކުރުމަށް ބޮޑުބޭބެ އަބަދުވެސް ބާރު އަޅުއްވަ އެވެ. އަދި އެކަމާ ހިތާމަ ނުކުރައްވާ ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

ބައެއް ސިޔާސީ ބޭފުޅުންނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ، ރިޝްވަތުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެ ބޭފުޅުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުންނެވެ. އެކަމަކު އޭނާގެ މައްޗަށް އުފުލާފައިވާ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހަށް ޖަލަށް ހުކުމްކޮށްފައިވާތީ، އެ މައްސަލައިގައި އެރޭ ވަކި ގޮތެއް ނުނިންމަ އެވެ.