ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފި އެވެ.
މި އަޑުއެހުން ތާވަލް ކުރެވިފައި ވަނީ ކްރިމިނަލް ކޯޓުގައި މިއަދު މެންދުރުފަހު 1:00 ޖަހާއިރަށެވެ. މިއަދު ތާވަލް ކުރެވުނީ މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ކުރާ ދައުވާއާއި ޓެރަރިޒަމުގެ ދައުވާ އެވެ.
މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ޒަހަރު ދީގެން އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލާފައިވަނީ މާފުށި ޖަލު ކުރިމަތީގައި އިތުރު ބަޔަކާ އެކު މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު މުޒާހަރާ ކުރި މައްސަލާގަ އެވެ. މަހްލޫފްގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ އެވެ.
މީގެ އިތުރުން މަހްލޫފްގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ވެސް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެ އެވެ. އެއީ ވެސް މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ކުރާ ދައުވާ އެކެވެ. މަހްލޫފްގެ މިޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށި ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި، އެކަށީގެންވާ ފަރުވާ ނުދީ މަރާލަނީ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ބައްލަވަމުން ގެންދަވާ މިމައްސަލާގައި ހުލާސާ ބަޔާން ވެސް އިއްވާ ނިމިފައިވާތީ ދެން އޮންނާނީ ހަމައެކަނި ހުކުމްކުރުމެވެ.
މީގެ ކުރިންވެސް މަހުލޫފްގެ މައްޗަށް ދެ ދައުވާއެެއް އުފުލާ އެ ދައުވާތައް ސާބިތުވާކަމަށް ނިންމުމުން މަހުލޫފް ވަނީ 10 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާފަ އެވެ.
މަހްލޫފް މައްޗަށް މިހާރު ކުރާ ތިން ދައުވާގެ ތެރެއިން ޓެރަރިޒަމުގެ ދައުވާއާއި ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ހުންނެވީ ގޭބަންދުގަ އެވެ. ނަމަވެސް މަހްލޫފް ބަންދުގައި ބަހައްޓަންޖެހޭ އިތުރު ސަބަބެއް ނެތް ކަމަށް ކަނޑައަޅާ އޭނާ މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން މިމަހުގެ 25 ވަނަ ދުވަހު އަމުރުކުރުމުން އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ.