އިންތިޚާބު ބާތިލުކުރަން ކޯޓަށް މައްސަލަ ވައްދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ހުސް ވާހަކަތަކެއް ކަމަށާއި ފެންނަމުން ދަނީ ޕީޕީއެމްގެ އިސް ބޭފުޅުން ޕާޓީގެ މާޔޫސްވެފައި ތިބި އެކްޓިވިސްޓުން އެކްޓިވް ކުރަން ޑްރާމާ ކުޅޭތަން ކަމަށް މިސަރުކާރުގެ ފުރަތަމަ ޔޫތް މިނިސްޓަރ މުހައްމަދު މަލީހް ޖަމީލް ވިދާޅުވެއްޖެއެވެ.
މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 23 ސެޕްޓެމްބަރުގައި ނެގި ވޯޓު ކޯޓަކުން ބަދަލެއް ނުކުރާނެ ކަމަށެވެ. އަދި އީސީގެ ރައީސް ހައްޔެއްވެސް ނުކުރެވޭނެ ކަމަށާއި ރައީސް ޔާމީން ބަލިވެއްޖެ ކަމަށެވެ. އަދި ދެން އެމަނިކުފާނަށް މޮޅުވެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް މަލީހް ވިދާޅުވެފައިވެއެވެ.
ޕީޕީއެމްވެސް ލިބޭނީ ރައީސް މައުމޫނަށް ކަމަށާއި މިހާރު ފެންނަނީ މާޔޫސްވެފައި ތިބި ޕާޓީގެ ސަޕޯޓަރުން އެކްޓިވް ކޮށްލުމަށް ޑްރާމާ ކުޅޭތަން ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ބޭފުޅަކު ކަންބޮޑުނުވުމަށާއި އިންތިޚާބުގެ ނަތީޖާ ދެމެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ޕީޕީއެމުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ލަސްކުރުމަށް އެދި ކޯޓު އަމުރެއް ހޯދަން އުޅުނު ކަމަށް ޚަބަރު ލިބިފައިވާއިރު ޕީޕީއެމުން ވަނީ ރޭ، އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށް ބުނެފައެވެ. އަދި އެޕާޓީން އެދުނީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން އޮތް ދުވަހު އެކަން ކުރުމަށް ކަމަށް ވެސް ނިހާނާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.