ޕީޕީއެމުން ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައިވާ ކަމަށާއި އިންތިޚާބުން ބަލިވެފައިވާކަން ވެސް ގަބޫލުކޮށްފައި ކަމަށް ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރަށް ރައްދު ދެއްވުމުގެ ގޮތުން ނިހާން ވިދާޅުވީ ޕީޕީއެމުން ނަތީޖާ ގަބޫލުކޮށްފައިވާ ކަމަށާއި ނިޒާރު ހަމަޖެހިވަޑައިގަތުމަށް އެދޭ ކަމަށެވެ.
އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށައަޅަން ބަޔަކު ރާވަމުންދާ ކަމުގެ އަޑުތައް ފެތުރެމުން ދަނިކޮށް ނިޒާރު ވަނީ އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާއެއްގެ ފޮޓޯއެއް ދެއްކުމަށް ފަހު އެ ކިޔުމަށް އެދިވަޑައިގެންފައެވެ.
ޖަވާބުގައި ނިހާން ވިދާޅުވީ، "ބްރަދާ ތި ކިޔައިފީމޭ، އަދި ޕީޕީއެމް އިން ވަނީ ނަތީޖާ ގަބޫލުކޮށްފައޭ! ކިހިނެއް ވެގެން ތެޅި ފޮޅެނީ ތިހާވަރަށް! ހަމަޖެހިބަލަ" މިހެންނެވެ.
ނިހާން މިހެން ވިދާޅުވިޔަސް އެމަނިކުފާނު އިއްޔެ ވަނީ އިންތިޚާބާ ގުޅޭ ޝަކުވާތައް ވީހާވެސް އަވަހަށް ހިއްސާ ކޮށްދިނުމަށް ޕީޖީ ގްރޫޕުގެ ދެން ތިބި މެމްބަރުންގެ ކައިރިން އެދިވަޑައިގެންފައެވެ.
އިއްޔެގެ ރާގު މިއަދު އަނެއްކާ ބަދަލުވެފައި މިވަނީ ކޯޓު ތެރެއިން އިންތިޚާބު ބާތިލުކުރަން މަސައްކަތް ކުރުމުން އެކަން ކާމިޔާބުނުވުމުން ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އިއްޔެ ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ވެސް ވަނީ 23 ވަނަ ދުވަހުގެ އިންތިޚާބު ބަލައިގަންނާނެ ކަމަށާއި ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.