ޤަބުރުސްތާނަށް ގޮސް ބަލައިލިންތޯއެވެ. ޖާހާއި މަންޞަބުގެ އަހުލުވެރިން ކޮބައިތޯއެވެ؟ މުއްސަނދި މަހުޖަނުން ކޮބައިތޯއެވެ؟ ކިބުރުވެރި އަނިޔާވެރިން ކޮބައިތޯއެވެ؟ ފަޤީރު ނިކަމެތިން ކޮބައިތޯއެވެ؟ އަނިޔާލިބި ބަލިކަށިވީ މީހުން ކޮބައިތޯއެވެ؟
އެ އެންމެން މަރުވެ ދިޔައީއެވެ. އެންމެ މީހަކުވެސް ނުބަހައްޓައެވެ. އެމީހުންގެ ޙާލަތު އެނގޭ އެއްވެސް މީހަކު ނެތެވެ. ދިރިތިބީންނަށް ޢިބްރަތަކަށް ފުދެއެވެ. މިއީ ދާއިމީ ހަޔާތެއް ނޫންކަން ދަންނަން ޖެހެއެވެ. ތިމާވެސް ދިޔަ މީހުންގެ ލިސްޓަށް މާދަމާ އަރާނެކަން ޔަގީން ކުރަންޖެހެއެވެ. އެހެނީ އެ ލިސްޓުގައި ނުހިމެނޭނެ އެއްވެސް މަޚްލޫޤެއް މި އުއްމަތުގައި ނުވެއެވެ. އެއީ ﷲގެ ނިންމެވުމެވެ. ޔަޤީން ވެގެންވާ ނިޔާއެވެ.
ޙަޔާތުގެ ނައު ދަތުރު ކުރަމުން ދަނީއެވެ. އެ ނަވުގައި އެތައް ގޮނޑިތަކެއް ބެހެއްޓިފައިވެއެވެ. ޙަޔާތުގެ ނަވަށް ކުރިން އެރިމީހުން ބަނދަރަށް ބޭލުމަށްފަހު މިހާރު އެހެންބަޔަކު ނަވަށް އަރުވައިފިއެވެ. ދަތުރުވެރިން ގިނަކަމުން ނައު ވަނީ ތޮއްޖެހިފައެވެ. ކުރިން މިނަވުގައިތިބީ އަހަރެމެންގެ ކުރީގެ ޖީލުތަކުގެ މީހުންނެވެ. އެމީހުން މިހާރު ނަވުން ފެންނާކަށް ނެތެވެ. އެމީހުންގެ މަންޒިލަށް އެ މީހުން ވާސިލްވެއްޖެއެވެ.
ތަފާތު ވައްތަރުގެ މީހުންނެވެ. ތަފާތު މިޒާޖުތަކުގެ މީހުންނެވެ. އަނިޔާވެރިންނާއި އަނިޔާލިބުނު މީހުންނެވެ. ބޮޑާ ކިބުރުވެރިންނާއި، ހިތްތިރި ތަވާޟުޢުވެރިންނެވެ.
ތަންދޮރުފިލާފައިވާ މީހުންނާއި ޖާހިލުންނެވެ. މުއްސަނދިންނާއި ފަޤީރުންނެވެ. ދީލަތި މީހުންނާއި ދަހިވެތި މީހުންނެވެ. ހިތްނުބައި ޙަސަދަވެރިންނާއި، އަނެކާއަށް ހެޔޮއެދޭ ހިތްސާފު މީހުންނެވެ. އަނެކުންނަށް އުނދަގޫކުރާމީހުންނާއި، އެހީތެރި އިޙްސާންތެރިންނެވެ. މީހުންގެ މުޅަމަސްކާ، ބަސްމަގު ހުތުރު މީހުންނާއި،ޚުލްޤުހެޔޮ އަނެކުންދެކެ ލޯބިވާމީހުންނެވެ.
މިއީ ހައްތާހާ ވެސް އުޅޭ ވައްތަރުތަކެވެ. ނިމުނީކީ އެއް ނޫނެވެ. ހީލަތްތެރި މަކަރުވެރިންނާއި، ނަފްސު ތާހިރު ހިތްސާފުމީހުންނެވެ. ދޮގުވެރިންނާއި، ތެދުވެރީންނެވެ. އަނެކުންގެ ޙައްޤުތައް ޖަހައިގަންނަ މީހުންނާއި، އަނެކުންނަށް ޞަދަޤާތްކުރާމީހުންނެވެ. އަނެކުންނާއިމެދު ނުބައިހީތައް ކުރާމީހުންނާއި، އަނެކުންގެ ޢުޒުރު ޤަބޫލުކުރާ ހެޔޮނިޔަތުގެ މީހުންނެވެ. ޚާލިޤު ގެ އަމުރުތަކަށް ތަބާވުމުގައި މަޝްޣޫލުވާ މީހުންނާއި، މަޚްލޫޤުންގެ ފަހަތުން ދުވާމީހުންނެވެ. ހެއްދެވިފަރާތުގެ ބަސްއެހުމަށް ސަމާލުވާ މީހުންނާއި، މަޚްލޫޤުންގެ ބަސް ކުރިއަށްނެރޭ މީހުންނެވެ. ހިތްނިޔަތް ޚާލިޞްކޮށް އެތެރެފުށް ރީތިކުރަންއުޅޭ މީހުންނާއި، ބޭރުފުށް އޮމާންކޮށް މަޡުހަރު ރީތިކުރަން އުޅޭމީހުންނެވެ.
ތިމާގެ ވާޖިބު އަދާކުރަން އިސްކަންދޭ މީހުންނާއި، ތިމާގެ ޙައްޤުތައް ނުލިބިގެން އަވަދިނެތި އުޅޭމީހުންނެވެ. ތިމާގެ ކަމުގެ ގުޅުންތައް ކަނޑާމީހުންނާއި، އެގުޅުން ދަމަހައްޓަން އުޅޭމީހުންނާއި، ހަމަ އެކަނި ތިމާ އާއި ގުޅުން އޮންނަ ފަރާތްތަކާއި ގުޅުން ބޭއްވުމަށް އުޅޭމީހުންނެވެ. ހެއްދެވިފަރާތުގެ ނިޢުމަތްތަކަށް ޝުކުރުވެރިވާ މީހުންނާއި، އެ ނިޢުމަތްތަކާމެދު ޣާފިލުވެފައިވާ މީހުންނެވެ. މައިންބަފައިންގެ ޙައްޤުފުރިހަމައަށް އަދާކުރާ މީހުންނާއި، އެބައިމީހުނަށް އިހާނާތްތެރިވާ މީހުންނެވެ. ބަލާތަކާއި މުޞީބާތްތަކަށް ކެތްތެރިވާ މީހުންނާއި، ފިނޑިކަން ކުރިއަށްނެރޭ ކެތްތެރިކަން ކުޑަމީހުންނެވެ.
އަނެކާގެ ފަތިފުށް ހޯދަމުންދުވާ މީހުންނާއި، ތިމާގެ އުނިކަން ފާހަގަކޮށް އެކަން އިޞްލާޙުކުރަން އުޅޭމީހުންނެވެ. އަނެކާގެ ފަރާތުން ބަދަލުހިފަން އުޅޭމީހުންނާއި، އޯގާތެރިކަން އިސްކޮށް މަޢާފުކުރާ މީހުންނެވެ. ކިޔަމަންތެރި ކަމައިގެން މަޝްޣޫލުވާ މީހުންނާއި، ޙަރާމްކަންތަކަށް އަރައިގަތުމުގައި މަޝްޣޫލުވާ މީހުންނެވެ. ހެޔޮމަގަށް ގޮވާލާމީހުނަށް މަލާމާތްކުރާ މީހުންނާއި، އެމަގަށް ގޮވާލުމަށް ހިތްވަރުދޭ މީހުންނެވެ. މީސްތަކުން ޚަރާބުކުރުމުގައި ތިމާގެ ހަކަތަ ހުސްކުރާ މީހުންނާއި، އިޞްލާޙުކުރުމުގައި ޖިހާދުކުރާމީހުންނެވެ.
މިހުރިހައި މީހުން ގޮވައިގެން ޙަޔާތުގެ ނައު ބާރަށް ދަތުރުކުރަމުންގޮސް ބަނދަރަށް ވާސިލުވެއެވެ. ބަނދަރަކީ ތޯއެވެ.! ކަށްވަޅެވެ. އިސްވެ ބުނެވުނު ހުރިހައި ސިފަތަކެއްގެ އަހުލުވެރިން އެތާގައިވެއެވެ.
ފަޤީރުމީހާގެ ގާތުގައި ބޮޑުމަހުޖަނެއްވެސް އޮވެދާނެއެވެ. ޞާލިޙު މީހާއާއި ޖެހިގެން ޠާލިޙު މީހާވެސް އޮވެދާނެއެވެ. ޒާލިމުގެ ގާތުގައި މަޒްލޫމް އޮވެދާނެއެވެ.
ވަގުކަލޭގެ އަރިމަތީ މަޙްރޫމް އޮވެދާނެއެވެ. ޢިއްޒަތްތެރިންނާއި ނިކަމެތިން އެއްތަނެއްގައެވެ. ޢާލިމުންނާއި ޖާހިލުން އެއްތާކުއެވެ.
މިހާރު އެނަވުގައި މިތިބީ "އަހަރެމެންނެވެ."
އަހަރެމެން ކޮންމެމީހަކުވެސް ބަލަންވީ އެމީހަކަށް މި އިނދެވެނީ އެނަވުގެ ކޮން ސީޓެއްގައި ތޯއެވެ؟ އެމީހާގެ ކައިރި ސީޓުތަކުގައި ތިބީ ކޮންބައެއްތޯއެވެ..؟ ކަމުނުދާތާކު އިނދެވޭނަމަ ބަދަލުވާންވީއެވެ.
އެމީހެއްގެ މަޤާމު އެމީހަކު މިހާރު ކަނޑައަޅަންވީއެވެ! މާދަމާ އެކަމަށް ވަގުތެއް ނުލިބިދާނެއެވެ. ތިމާގެ އަތުގައި އޮތީ އެ ހިނގާ ވަގުތުކޮޅު އެކަންޏެވެ. މާދަމާއަށް ކަންތައް ބެހެއްޓުމަކީ ނުވިސްނޭ މީހުންގެ އާދައެކެވެ. ތިމާ އެފަދަ މީހަކަށް ނުވާށެވެ.
މަސްދަރު: އިބްރާހީމް މާހިރު މޫސާގެ ތަރުޖަމާ