Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

މައުމޫން ގޭ ބަންދަށް ބަދަލު ކުރަން ހުރަސް އަޅާތީ ޝިހާންގެ މައްސަލަ ޕޮލިހަށް

ކޮމިޝަނާ އޮފް ޕްރިޒަންއަހުމަދު ޝިހާން . ފޮޓޯ: ސީއެންއެމް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު ޝިހާންގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ކުރީގެ ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ކުރީގެ ރައީސް މައުމޫނުގެ ގާނޫނީ ވަކީލަކާއި ހަވާލާދެއްވާ ސީއެންއެމުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކުރުމަށް ޑޮކްޓަރުން މީގެ ކުރިންވެސް ލަފާ ދެއްވާފައިވާ ކަމަށެވެ. ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލު ކުރުމަށް މިމަހުގެ 25 ވަނަ ދުވަހު ކަރެކްޝަންގެ މެޑިކަލް ބޯޑުން ލަފާ ދެއްވާފައިވާ އިރު ވެސް އެއަށް އަމަލު ނުކުރައްވާ ކަމަށެވެ.

އެއީ އެންޓި ޓޯޗާގެ އަމަލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންވެ އެކަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް ގާނޫނީ ވަކީލު ވިދާޅުވެފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގަވާފައިވާ ކަމަށް ގަބޫލުކުރެވޭތީ އެކަން ވެސް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ގާނޫނީ ވަކީލު ވިދާޅުވި ކަމަށް މައުލޫމާތު ލިބެއެވެ. \

މިއަދު ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ވަނީ މައުމޫން ގެޔަށް ބަދަލުނުކުރައްވާތީ އެކަމާއި ކަރެކްޝަނަށް ވަޑައިގެންފައެވެ. ނަމަވެސް އެ ބޭފުޅުންގެ ސުވާލަކަށް ކަރެކްޝަނަށް ޖަވާބެއް ނުދެއްވުނު ކަމަށް ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.