Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

އިބޫ އާއި ފައިސަލް އަށް މޭޔަރ ޞާދިޤު މަރުޙަބާ ދަންނަވައިފި

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމަށް އައްޑޫ ސިޓީ މޭޔަރ، އަބްދުﷲ ޞާދިޤު މަރުޙަބާ ދަންނަވައިފި އެވެ.

ޞާދިޤު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު 2018 ވަރަށް ތަނަވަސް އަޤުލަބިއްޔަތަކުން ކާމިޔާބުކޮށް، ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގެންފައި ވާތީ، އިންތިޚާބީ ރައީސް އިބޫ އަށާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ނަމުގައްޔާއި، އައްޑޫ ސިޓީ ކައުންސިލްގެ ނަމުގައި އަދި އޭނާގެ އަމިއްލަ ނަންފުޅުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ.

ޞާދިޤު ވިދާޅުވީ ނިމިގެންދިޔަ އިންތިޚާބުގައި އިބޫ އަށް އައްޑޫ ސިޓީ އިން ލިބިވަޑައިގަތް ބޮޑު އަޤުލަބިއްޔަތުން ދޭހަކޮށްދެނީ، ކުރިއަށް އޮތް ފަސް އަހަރަށް އިބޫގެ ވެރިކަން ރައްޔިތުން ފުރިހަމައަށް ބަލައިގެންފައިވާކަން ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ އަދި ދުޢާ އަކީ، ކުރިއަށް އޮތް ފަސް އަހަރަކީ ވަރަށް ފުރިހަމަ ގޮތެއްގައި ލާމަރުކަޒީ އުސޫލުން އިދާރާތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭ، ދިވެހިރާއްޖެއަށް ތަނަވަސް އުފާފާގަތި އަހަރުތަކެއްގެ ގޮތުގައި ﷲ މިންވަރުކޮށް ދެއްވުމެވެ."، ޞާދިޤުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.