ދައުލަތުގެ މުއައްސަސާތަކުގެ ބައެއް ވެރީންނާއި މުވައްޒަފުން ކޮށްފައިވާ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް އޭސީސީން ބަލަމުންދާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ވަނީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ގެ މަގާމުގައި ހުންނެވި މުހައްމަދު އިކްރާމްގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލަން ފަށާފައެވެ.
އޭސީސީން ބަލަން ފަށާފައިވަނީ މޯލްޑިވްސް މީޑިޔާ އިންޓިއުޝަންގެ ނަމުގައި ހުޅުވި ތަނުގެ އިމާރާތަށް ކޮށްފައިވާ ޚަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ހުރިކަމަށް ބެލެވޭތީ އެމައްސަލައެވެ.
އެމައްސަލައާ ގުޅޭ ގޮތުން ޕީއެސްއެމްގެ ކުރީގެ މެނޭޖާ ލީގަލް އެންޑް ރެގުއުލޭޓްރީ އެފެއާޒް އަބްދުﷲ ހިލްމީ ވަނީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައެވެ. މިމައްސަލައާ ގުޅޭގޮތުން ކުރިން ދައުވާ ކުރުމަށް ފޮނުވާފައިވަނީ ޕްރޮކިއަމެންޓުގެ ހެޑަކަށް ހުރި މުހައްމަދު ހާޝިމްގެ މައްޗަށެވެ. ނަމަވެސް އޭނާ ވަނީ އެކަން ހިނގިއިރު ޗުއްޓީއެއްގައި ހުރި ކަން ސާބިތުކޮށްދީފައެވެ.
ސުވާލުކޮށް ބަޔާން ނެގުމުން ހިލްމީ ވިދާޅުވީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވެނީ ސީދާ މެނޭޖިން ޑިރެކްޓަރ އިކުރާމް ކަމަށެވެ. އެގޮތުން މިއިމާރާތް އެޅުމަށް ހަތަރު ލައްކަ ރުފިޔާގެ އެޑްވާންސް ޕޭމެންޓެއް ދައްކާފައިވާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 8 ލައްކަ ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. ނަމަވެސް އިމާރާތުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ހިލްމީ ވަނީ ތަހުގީގަށް މައުލޫމާތު ދީފައެވެ.
މިހުރިހާ ޚަރަދެއް އިމާރާތް އެޅުމަށް ކުރުމަށް ފަހު މީޑިޔާ އިންސްޓިޓިއުޝަން ހުޅުވީ ދިވެހި ރާއްޖޭގެ އަޑު ހުރި އިމާރާތުގައެވެ.
ހިލްމީ ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާގެ މަގާމުގައި އިކްރާމް ހުރެގެން ގަވާއިދާއި އެއްގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އެތަނުގައި އެއްވެސް މަސައްކަތެއް އިކްރާމްއާ ގާތް ގުޅުން އޮންނަ މީހަކު ފިޔަވާ އެހެން މީހަކަށް ދީފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.