Last Updated: June 23, 09:37
Tuesday, June 23, 2026
ޚަބަރު

ކޮންގްރެސް ހުއްޓުވުމަށް ޔުމްނާ ކޯޓަށް!

ޔުމްނާ މައުމޫން - ފޮޓޯ: މުހައްމަދު ޝަރުހާން (މިހާރު)

ވެރިކަން ކުރާ ޕީޕީއެމް އިން ހަފުތާ ބަންދުގައި ބާއްވަން ނިންމާފައިވާ އެ ޕާޓީގެ ޤައުމީ ޖަލްސާ ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް މިހާރު ބަލައިގެންފައިވާއިރު، އެ މައްސަލައިގައި ބުނެފައިވަނީ، ޕީޕީއެމްގެ ހިންގުން ޕާޓީގެ މުޝްތަރާއި ހަވާލުކުރަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ކަނޑައެޅި އުސޫލާއި، ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ޕާޓީގެ ކައުންސިލުން ހިންގުން މުސްތަޝާރާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުގެ އެ ނިންމުން ބާތިލުކުރުމަށް ހުށަހެޅިފައިވާ މައްސަލާގައި، އެ ނިންމުން ބާތިލުކޮށްފިނަމަ، ޕާޓީގެ ޤައުމީ މަޖިލީހުގައި ނިންމާ ނިންމުންތައް ވެސް ބާތިލުވާނެތީ، ޕާޓީއަށާއި މެމްބަރުންނަށް އިއާދަނުކުރެވޭނެ ގެއްލުން ވާނެތީ، ޕާޓީގެ އެންމެހާ ހަރަކާތްތަކާއި، ޤައުމީ މަޖިލީހުގެ ބައްދަލުވުންތައް ބޭއްވުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޔުމްނާ ވަނީ އެދިވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ޔުމްނާ އެދިވަޑައިގެންފައިވާއިރު، އެކަމަނާގެ ފިރިކަލުން އަދި ޕީޕީއެމް ކައުންސިލްގެ ކުރީގެ މެމްބަރު މުހައްމަދު ނަދީމް ވަނީ އެ ޖަލްސާ ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަންގައި ވެސް އެދިވަޑައިގެންފަ އެވެ.

ޕީޕީއެމުން ވަނީ މިއަންނަ ހަފްތާ ބަންދުގައި އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށް ބުނެފައެވެ.