ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ރައީސް މައުމޫންގެ ގާނޫނީ ވަކީލު ހުސެއިން ޝަމީމްގެ ސަސްޕެންޝަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ އުވާލައިފި އެވެ.
03 މަސް ދުވަހުގެ މުއްތަދަށް މި މަހުގެ 13 ވަނަ ދުވަހު ޝަމީމް ސަސްޕެންޑް ކުރީ، ޝަމީމްގެ ނަމުގައި ހުޅުވާފައިވާ ޓްވިޓާ އެކައުންޓުން ޖުޑީޝަރީއާ ގުޅޭގޮތުން ކޮށްފައިވާ ޓްވީޓާއި ގުޅޭގޮތުން އޭނާ އާއި ސުވާލުކުރުމަށްފަހު، އެ ޢަމަލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދާއި ޚިލާފު ޢަމަލަކަށް ވާތީ އެވެ.
ނަމަވެސް ޑީޖޭއޭ އިން އިއްޔެ ބުނީ އޭނާ އެކަމަށް މަޢާފަށް އެދި އެފަދަ ކަމެއް މީގެފަހުން ތަކުރާރު ނުވާނެކަމުގެ ޔަޤީންކަންދީ، މިދިޔަ އަންގާރަ ދުވަހު އެ އެޑްމިނިސްޓްރޭޝަނަށް ސިޓީ ފޮނުވާފައިވާތީ، ކޯޓުތަކާއި ކޯޓުތަކުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭފަދަ އެއްވެސްކަމެއް ނުކުރުމަށް ނަޞޭޙަތްތެރިވެ، އެ ފަދަ ކަމެއް އިތުރަށް ތަކުރާރުކޮށްފިނަމަ ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މަނާކުރެވޭނެކަމުގެ އިންޒާރުދީ، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރުމަށާއި، ކޯޓުގެ ޙުރުމަތާއި ޤަދަރު ގެއްލޭފަދަ ޢަމަލުތައް ތަކުރާރުނުކުރުމަށް ޙުސައިން ޝަމީމްއަށް ނަޞޭޙަތްތެރިވެ، މިގޮތުގެމަތިން ޢަމަލުކުރުމަށް އެންގުމަށް ފަހު، ޝަމީމްގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.
ޑީޖޭއޭ އިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ޝަމީމް ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނަވަނިކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކުރި ސަސްޕެންޝަން އުވާލީ މި އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ފުލުހުން ތަހުގީގުކުރަމުން ގެންދިޔަ، މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ވެސް ވަނީ ޝަމީމް ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަން އުވާލާފައިވަނީ ޖުލައި މަހުގެ 12ގަ އެވެ.