Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ރައީސްގެ މައްސަލަ ބަލަން ފުލުހަށް ފޮނުއްވި އެމްއެމްއޭގެ އިންޓެލިޖެންސް ވެރިޔާ ބަދަލުކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެތައް މިލިއަން ރުފޔާގެ މައްސަލަ ބަލައި ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންސް އިންޓަލިޖެންސް ޔުނިޓުން ފުލުހަށް ފޮނުވި މައްސަލަ އާއި ގުޅިގެން އިންޓަލިޖެންސް ޔުނިޓުގެ ވެރިޔާ ބަދަލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިން މައްސަލަތަކެއް ތަހްގީގު ކުރުމަށް އެމްއެމްއޭގެ އިންޓަލިޖެންސް ޔުނިޓުން ފުލުހަށް ހުށަހަޅާފައިވަނީ މިމަހުގެ މެދުތެރޭގައެވެ.

މިކަމާއި ގުޅޭ ގޮތުން އެމްއެމްއޭގެ މީޑިއާ އޮފިޝަލް މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އެމްއެމްއޭގެ އިންޓަލިޖެންސު ޔުނިޓަކީ މިނިވަން ކަމާއި އެކު ހިންގާ ޔުނިޓެއް ކަމަށާއި އެޔުނިޓުން ތަހްގީގު ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އިންޓަލިޖެންސް ހެޑު ބަދަލު ކުރި ވާހަކަތައް އެމްއެމްއޭއިން ދޮގުކޮށްފައި ނުވެއެވެ. އަދި ރައީސްގެ މައްސަލައެއް ފޮނުއްވިކަމަށްވެސް ނުބުނެއެވެ. އޭގެ ބަދަލުގައި އެމްއެމްއޭއިން ބުނީ ބަލައި ތަހްގީގު ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަން އެމްއެމްޕީއާރްސީ ފައިސާގެ މައްސަލައިގެ ހިމެނޭ ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާންގެ އަމިއްލަ ގެކޮޅަށް ވަންކަމަށް އަމިއްލައަށް ވަނީ އިއުތިރާފުވެފައެވެ.

އެމްއެމްޕީއާރްސީ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރި މައްސަލައެއްވެސް ފެންމަތިވިއެވެ. ނަމަވެސް އެމައްސަލަވެސް އޮތީ މަޑު ޖެހިފައެެވެ.