Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

މަހްލޫފްގެ ދެދައުވާ ވެސް ބާތިލު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާތައް ކޯޓުން ބާތިލުކޮށްފިއެވެ

މިއަދު މެންދުރު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މަހްލޫފާ ދެކޮޅަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އާއި ހިނގާފައި ނުވާ ކަމެއްގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ގާޒީ ވަނީ ހުކުމްކޮށްފައެވެ.

މަހްލޫފާ ދެކޮޅަށް އުފުލި ހިނގާފައިވާ ނުވާ ކަމެއްގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ ކުރީ ފުލުހުންގެ އެސިސްޓެން ކޮމިޝަނާ އަކަށް ހުރި ޖަމްޝީދު ޑީމޯޓު ކުރަން ނިންމާފައިވާ ކަމަށް ބުނެ ޓުވީޓެއް ކުރުމުންނެވެ.

އަދި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން މާފުށީ ޖަލު ކުރިމަތީ ކުރި މުޒާހަރާގައި ބައިވެރިވެ ޖަލު ގޭޓް ގަދަކަމުން ހުޅުވައި ޖަލު އޮފިސަރުންނަށް ނުކިޔަމަންތެރިވި ކަމަށް ބުނެއެވެ.

މައްސަލަ ބެއްލެވި ގާޒީ އިބްރާޙިމް އަލީ ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވި ނަމަވެސް މަހްލޫފް ކުރިކަމަށް ބުނެފައިވަނީ ޓެރަރިޒަމްގެ ކުށެއް ނޫން ކަމަށް ކަނޑައަޅާފައެވެ. އަދި ދެވަނަ ދައުވާ، ޓުވީޓުގެ ދައުވާގައި ގާނޫނުލް އުގޫބާތުގައި ބުނާ ކުށުގެ މުހިންމުކަމުގެ އަސާސްތައް ފުރިހަމަނުވާކަން ފާހަގަ ކުރައްވައި ގާޒީ ވަނީ އެ ދައުވާ ވެސް ބާތިލުކޮށްފައެވެ.

ގާޒީ ވިދާޅުވީ އެ ދެ ދައުވާ ވެސް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވެން ނެތް ކަމަށާއި އެހެން ވެ އެ ދެ ދައުވާ ބާތިލްކުރީ ކަމަށް ހުކުމް އިއްވަމުން ވިދާޅުވެފައިވެއެވެ.