ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު ނަސީރު، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދައްލުކުރައްވައިފިއެވެ.
މިއަދު ހެނދުނު 10:30 ހާއިރު ބޭއްވި މި ބައްދަލުވުން އޮތީ އިބޫގެ ކެމްޕެއިން ހެޑްކުއާޓަރު ކަމަށްވާ ޝައިންޓްރީ ބިލްޑިންގްގެ ފަސްވަނަ ފަންގިފިލާގަ އެވެ.
އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.
ނަސީރުގެ އިތުރުން ވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ގެންދަވަނީ އިންތިޚާބީ ރައީސާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެކްޓިންގ ޗީފް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ނަވާޒު ވެސް ވަނީ އިބޫ އާއި ބައްދަލު ކުރައްވައި މަރުހަބާ ދަންނަވައިފަ އެވެ.
ނަސީރު އިބޫއާ ބައްދަލުކުރެއްވިއިރު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެތައް މިލިއަން ރުފިޔާގެ މައްސަލައެއް ބަލައި ދިނުމަށް އެމްއެމްއޭ އިން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.
އަދި އެ މައްސަލަ ހުށަހެޅި އެމްއެމްއޭގެ ފައިނޭންސް އިންޓަލިޖެންސް ޔުނިޓުގެ ވެރިޔާ މިހާރު ބަދަލުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.