އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބަހުސްގައި ބައިވެރިވެވަޑައިގެންފިއެވެ.
އިބޫ އަދި ފައިސަލް އަކީވެސް މި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ދެ މެމްބަރުންނެވެ.

މިއަދުގެ ކޮމެޓީ ބަހުސްގައި އިބޫ އަދި ފައިސަލް ބައިވެރިވަޑައިގަތުމާއި ގުޅިގެން ކޮމެޓީގެ މެމްބަރުން ވަނީ އިބޫ އާއި ފައިސަލްއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ބައްދަލުވުމުގައި އިބޫގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުންދީ ބަޖެޓުގެ ކަންކަން ފުރިހަމަ ކޮށްދޭނެކަމަށް އެމްޑީއޭ އަދި ޕީޕީއެމް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ބަހުސްގައި އިބޫ ވަނީ ދައުލަތުގެ ދަރަނި ވަރަށް ބޮޑުކަމަށް ވިދާޅުވެ އެކަމަށް ވިސްނައި ރަނގަޅު ހައްލެއް ހޯއްދަވަން ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާ ސަރުކާރުގެ ޕޮލިސީތައް ހިމެނިފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެފައިވާތީ އިބޫ ވިދާޅުވީ އާ ސަރުކާރުގެ ޕޮލިސީތައް ހިމެނުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އަދި އެކަމަށް މެމްބަރުންގެ ފަރާތުން އެއްބާރު ލިބިގެންދާނެކަމަށް ގަބޫލް ކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ.
މިއަދުގެ ކޮމެޓީގައި އިބޫ އަދި ފައިސަލް ވިދާޅުވީ ރައީސް އާއި ނައިބް ރައީސްގެ ހުވާ ކުރައްވަންދެން މަޖްލިސް ޖަލްސާ ތަކާއި ކޮމެޓީ ތަކުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.