Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ކޫއްޑޫ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރަން އަންގައިފި

އޭސީސީގެ ރައީސް ހަސަން ލުތުފީ - ފޮޓޯ: އޭސީސީ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް މިއަދު އަންގައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ސޮއި ކުރައްވައި އެ ކުންފުންޏަށް ފޮނުވި ސިޓީގަައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ހަރަކާތްތެރިވި ކޫއްޑޫގެ މުވައްޒަފުންތަކަކަށް މި ދުވަސްވަރު ޕްރޮމޯޝަން ދޭން ނިންމާފައިވާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، އެ ޕްރޮމޯޝަން ދެނީ، އެއްވެސް އުސޫލެއް ނެތި، މުވައްޒަފުންގެ ދަރަޖަ އެތައް ގުނައެއް ކުރިއަށް ޖެއްސުމަށް ފަހު ކަމަށް އެ ޝަކުވާގައި ހިމަނާފައިވާ ކަމަށެވެ.

އެ މައްސަލަ އޭސީސީ އިން ތަޙުޤީޤު ކުރަމުން އަންނަ ކަމަށާއި، އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން، މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލަށް ނުވަތަ މުވައްޒަފުންނަށް ދީފައިވާ މުސާރައިގެ ކުރިއެރުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން ރައީސް ޔާމީން ނާކާމިޔާބުވެވަޑައިގަތުމުން، ސަރުކާރުގެ އެކި އިދާރާތަކުގެ ހިންގުމަށް ބަދަލު ގެންނަ ކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.