ފަނޑިޔާރުންގެ މުސާރަ ރިވިއުކޮަށް ބޮޑު ކޮށްދިނުމަށް އެދި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުން މިވަގުތަށް މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މިހާރު ސަރުކާރު އޮތީ ބަދަލުވުމުގެ މަރުހަލާގައި ކަމަށާއި ސަރުކާރު މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ނުވަތަ ކުޑަ ކުރުމަކީ މިވަގުތު އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"މަޖިލީހުގެ ކޮމިޓީއަށް މިހެން އަންނަ ކަންތައް އިހަށް ކޮމިޓީގައި މަޑުކޮށްލަން އަޅުގަނޑަށް ފެންނަނީ. މީގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓަށް އަސަރުކުރާނެ. މިކަން އިހަށް މަޑުކޮށްލެއްވުމަކީ އަޅުގަނޑުގެ އެދުމެއް ކަމަށްވާތީ އެ ވާހަކަ ދަންނަވަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ސިވިލް ސާވަންޓުންނާއި އެހެނިހެން މުައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އިދިކޮޅު އިއްތިހާދުން ވައުދުވެވަޑައިގެންފައިވާ ކަމަށާއި، އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިބޫ އެގޮތަށް އެދިވަޑައިގަތުމުން ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ފަނޑިޔާރުންގެ މުސާރަ އެދިފައިވާ ގޮތަށް އާ ސަރުކާރުން ބޮޑުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މި މައްސަލަަ ކުޑަ ކޮމިޓީއަށް ހުށަހަޅަން އެދޭ ކަމަށެވެ. ރިޔާޒުގެ އެ ހުށަހެޅުމަށް ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ތާއީދުކުރައްވާފަ އެވެ.