ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޝަޚްސު އޮޅުވާލިކަމުގެ ކުށުގެ ދައުވާ ސާބިތުވެ، 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުގައި ތާވަލްކޮށްފި އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުގައި ތާވަލްކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާކުރަނީ ފާރިސް ބައިވެރިވި ޕްރެސް ކޮންފަރެންސެއްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދިދަ އާއި ލޯގޯ ބޭނުންކުރި މައްސަލައެއްގައެވެ.
އެ މައްސަލައިގައި ފާރިސްގެ މައްޗަށް އިއްވި ޖަލު ހުކުމް މިހާރު އޭނާ ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އަންނަ އާދިއްތަ ދުވަހު ބާއްވާ އަޑުއެހުމުގައި ފާރިސް މިނިވަންކޮށް ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ފާރިސްގެ މައްޗަށް ޖަލު ހުކެއް އައިސްފައިވާ އިރު، ދައުލަތުން ވަނީ ރިޝްވަތު ދިނުމާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް އުފުލާފައެވެ.
ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ފާރިސްވެސް ހިމެނިވަޑައިގަންނަވައެވެ.