Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ދައުލަތުގެ ލިޔެކިޔުންތަކަށް ސަމާލުވުމަށް އޮޑިޓަރ ޖެނެރަލް އަންގަވައިފި

އޮޑިޓުގައި ބަލަންޖެހިދާނެ ހުރިހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓައި ދެމެހެއްޓުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.

އެ އޮފީހުން މިއަދު ނެރުނު ސަރކިއުލަރ އެއްގައި ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާތަކުން ހިންގާފައިވާ އަދި ހިންގަމުން ގެންދާ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރާ ލިޔުންތަކާއި ހިސާބުތަކާއި، ލިބޭ ލިޔެކިޔުންތަކާއި ހިސާބުތަކާއި ކުރާ މުޢާމަލާތްތަކާ ގުޅޭ މެއިލް، މެމޯ، ޔައުމިއްޔާ ފަދަ ލިޔުންތައް އޮޑިޓަރ އެ އޮފީހުގެ މަސައްކަތުގައި ބަލަން ޖެހިދާނެ ކަމަށެވެ.

އެހެންކަމުން އެފަދަ ހުރިހާ ލިޔުންތައް ރައްކާތެރި ކަމާއެކު ބެލެހެއްޓުމަށް ދައުލަތުގެ މުއައްސަސާތަކަށް އަންގަވާ ކަމަށް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.

އަދި ލިޔުން ނުވަތަ ހިސާބު ނައްތާލަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ އެއްވެސް ލިޔުމެއް ނުވަތަ ހިސާބެއް ނައްތާނުލުމަށް ވެސް ވަނީ އަންގާފައެވެ.

"ލިޔުންތައް ނުވަތަ ހިސާބުތައް ބެލެހެއްޓުމާއި ނައްތާލުމުގެ ޒިންމާ އަދާކުރަންޖެހޭ ފަރާތްތަކުން، އަމަލުކުރުމަށް ދައުލަތުން ކަނޑައަޅުއްވާފައިވާ އުސާލުތަކާއި އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެކަމަށް އެފަރާތެއް ޖަވާބުދާރީ ވާންޖެހުމުގެ އިތުރުން، އެކަމުގެ ސަބަބުން މިއޮފީހުގެ މަސައްކަތަށް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެތީ، އެއްވެސް ފަރާތަކުން އެފަދަ ކަމެއް ނުކުރެއްވުމަށް މިއޮފީހުން އިލްތިމާސް ކުރަމެވެ،" އެ ސަކިއުލަރގައި ވެއެވެ.