Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

އެއްވެސް މީހަކަށް މަރުގެ އިންޒާރު ނުދިނުމަށް އިބޫ އިލްތިމާސް ކުރައްވައިފި

އެއްވެސް މީހަކަށް މަރުގެ އިންޒާރު ނުދިނުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

އިބޫ މިއިލްތިމާސް ދިވެހި ރައްޔިތުންނަށް ދަންނަވާފައިވަނީ އެމަނިކުފާންގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ މެދުވެރިކޮށެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރުއަށް މަރުގެ އިންޒާރު ލިބެމުންދާކަމަށް ވިދާޅުވެފައިވާތީ މާރިޔާ ވިދާޅުވީ އެފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އިބޫ އެެދިވަޑައިގަންނަވާ ކަމަށާއި އެކަން ކުށްވެރި ކުރާކަމަށެވެ.

އާޒިމާ ވިދާޅުވީ އިންތިހާބުގެ ފަހުން މިހާތަނަށް 100 ވަރަކަށް މަރުގެ އިންޒާރު ލިބިފައިވާ ކަމަށެވެ.

ރޭގެ ވަގުތެއްގައި އިންތިހާބް ބާޠިލް ކުރުމަށް އާޒިމާ ހައިކޯޓަށް ވަޑައިގެން ހުންނެވިކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ޓްވީޓު ކުރެއްވިއެވެ. އެވާހަކަ ތަކަށް ޖަވާބު ދެއްވައި އާޒިމާ ވިދާޅުވީ "ހުންނެވީ ގޭގައި" ކަމަށެވެ.