އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވާން ވާނީ އަލަށް އުފެދޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނޭ ބަޖެޓަކަށް ކަމުގައި އިންތިޚާބީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރު އިބުރާހިމް މުހައްމަދު ޞޯލިޙް(އިބޫ) ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިބުރާހިމް މުހައްމަދު ޞޯލިޙާއި އެމަނިކުފާނުގެ އިންތިޚާބީ ނައިބު ރައީސް އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަކީވެސް މާލިއްޔަތު ކޮމެޓީގެ މެމްބަރުންނަށް ވީއިރު އެ ދެބޭފުޅުން ވެސް ވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ މިބައްދަލުވުމުގައި އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞޯލިޙާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މަރުހަބާ ވިދާޅުވެފައެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އަންނަ އަހަރަށް ފާސްކުރެވޭ ދައުލަތުގެ ބަޖެޓު ވާންވާނީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ބަޖެޓަކަށް ކަމަށެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން މިހާރު ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާއިރު އަންނަ ހަފްތާގައި އެމިނިސްޓްރީ އާއި އެކު މަޝްވަރާ ކުރައްވާނޭ ކަމުގައި އިބޫ ވަނީ ވިދާޅުވެފައެވެ.
އިބޫ ވިދާޅުވީ މިސަރުކާރުގެ ބައެއް ޕްލޭންތަކާއި ކޯލިޝަންގެ ޕްލޭންތަކާ ތަފާތު ވުމުން، އަންނަ އަހަރުގެ ބަޖެޓް ވާން ޖެހޭނީ ކޯލިޝަންގެ ޕްލޭންތައް ތަންފީޒު ކުރެވިގެންދާނެ ބަޖެޓަކަށް ކަމަށާޢި ހުރިހާ ބޭފުޅުންގެ ކިބައިން އެކަމަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގެ ތެރެއިން ބަޖެޓު ފާސްކުރުމުގައި އައު ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އައު ސަރުކާރުން ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތައް މަޖިލީހުގެ ތެރެއިން ގެނައުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވި ކަމަށާއި އެކަމަކު އެއީ އެންމެ ރަނގަޅުގޮތަށް ނުވާނެ ކަމުގައި އިބޫ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ބަޖެޓު ދަރަނި ވަމުންދާ މައްސަލައިގައިވެސް ހައްލެއް ހޯދަން ޖެހޭކަން އިބޫ ވަނީ ފާހަގަކުރައްވާފައެވެ.