އައްޑޫ ސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މަގުތަކުގައި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ އިން ޙަރަކާތްތެރިވެއްޖެ އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ އަށް ވެސް ބޯކޮށް ވާރޭވެހި، މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. އޭގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް މީހުންނަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ.
އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްއެންޑީއެފް އިން ވަނީ މަގުތަކުން ފެން ޕަމްޕުކޮށް، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައެވެ.
މިއަދު އައްޑޫގެ މަރަދޫ އާއި މަރަދޫފޭދޫ އަށް ވަނީ އުދަ އަރާފައެވެ.
އެގޮތުން މަރަދޫގައި ހިންގާ "ޗިލްބޭ" ރެސްޓޯރެންޓަށް އުދައިގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. އެގޮތުން އެ ރެސްޓޯރެންޓު ތެރެއަށް ލޮނުގަނޑު ވަދެގެން ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.
މީގެ އިތުރުން މަރަދޫއާއި މަރަދޫފޭދޫގެ ފުށްޓަރު ފަރާތުގައި ތިބި ގެތަކަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އެބަދެއެވެ.
އިއްޔެއާއި މިއަދު އައްޑޫގެ އެކި ހިސާބުތަކަށް ބޯކޮށް ވިއްސާރަ ކުރަމުންދާއިރު، ލ. އަތޮޅާއި ސ. އަތޮޅުގެ ރަށްތަކަށް މިރޭ ވަނީ ޔެލޯ އެލާޓް ނެރެފައެވެ.