އިލެކްޝަންސް ކޮމިޝަނަށް ރައީސް އަބްދުﷲ ޔާމީން ނުފޫޒު ފޯރުވަމުން ގެންދަވާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކުއްލި އެއްވުމަކަށް ގޮވާލައިފިއެވެ.
އެމްޑީޕީގެ ރަސްމީ ޓްވިޓަރ އެކައުންޓުން މީގެ އިރުކޮޅެއް ކުރިން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ "އިލެކްޝަންސް ކޮމިޝަނަށް ރައީސް ޔާމީން ނުފޫޒު ފޯރުވަމުންދާތީ ހުރިހާ ރައްޔިތުން އެމްޑީޕީ ހަރުގެ ދޮށަށް" މިހެންނެވެ. މިވާހަކައިގެ އިތުރު ތަފްސިލެއް އެ ޕާޓީން ހާމަކުރައްވާފައެއް ނުވެއެވެ.
Elections Commission ah Raees Yamin nufoozu foaruvamun dhaathee hurihaa Rayyithun MDP Haruge dhoshah
— MDP Secretariat (@MDPSecretariat) September 27, 2018
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވަނީ ބޮޑުތަނުން ކާމިޔާބު ކުރައްވާފައެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާކަން ރައީސް އަބްދުﷲ ޔާމީނާއި ވެރިކަންކުރާ ޕީޕީއެމުންވެސްވަނީ ބުނެފައެވެ.
އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރުމަށް ކޯޓަށް ހުށަހެޅުމަށް ޕީޕީއެމުން މަސައްކަތް ކުރަމުން ދާކަމަށް އަޑުތައްވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެ ވާހަކަތައް އެޕާޓީން ދަނީ ދޮގުކުރަމުންނެވެ.
ބުދަ ދުވަހުގެ ރޭ ސަލާމަތީ ބާރުތަކުންވެސް ބުނެފައިވަނީ 23 ސެޕްޓެމްބަރުގައި ރައްޔިތުން ގޮތެއް ނިންމާފައިވާ ކަމަށާއި ރައްޔިތުންގެ ނިންމުން ދަމަހައްޓާނެކަމުގެ ޔަގީންކަން ދޭ ކަމުގައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމުން އެދުނު ކަމުގައި ވިޔަސް އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާ ދުވަސް ފަސް ނުކުރައްވާނެ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާއިރު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ 134616 ވޯޓް ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައިވަނީ 3129 އެވެ. ޖުމްލަ ސައްހަ ވޯޓަކީ 230748 އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ 262135 މީހުންގެ ތެރެއިން ވޯޓްލުމަށް ނިކުމެފައިވަނީ 233877 މީހުންނެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 89.22 އިންސައްތަ އެވެ.