ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން މިއަދު (ހުކުރު ދުވަހު) ހަވީރު ބޭއްވުމަށް ހަމަޖައްސާފައިވާ އެޕާޓީގެ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
އަސާސީ ގަވާއިދާ ހިލާފަށް ކޮންގްރެސް ބާއްވާކަމަށް ބުނެ އެކަން ހުއްޓުވާ ދިނުމަށް އީސީއަށް ހުށަހެޅުއްވީ ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އެވެ.
ނަދީމު ހުށަހެޅުއްވި މައްސަލައަށް ބަލާއިރު ކޮންގްރެސް ހުއްޓުވަން ޖެހޭ ހުއްޖަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ކަނޑައަޅުއްވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ އިތުރުން ނަދީމްވަނީ މިމައްސަލަ ސިވިލް ކޯޓަށްވެސް ހަށަހަޅުއްވާފައެވެ. އިދިކޮޅު ގިނަ ފަރާތްތަކަކުން ވިދާޅުވަމުން ގެންދަވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާ ބޭއްވިގެން ނުވާނެ ކަމަށެވެ.
ޕީޕީއެމުންގެ ކޮންގްރެސްގައި، ޕާޓީގެ ރައީސްގެ މަޤާމާއި ޕާޓީގެ ނައިބު ރައީސްގެ މަޤާމާއި ޕާޓީގެ ކައުންސިލާއި ކޮމެޓީތައް އިންތިހާބު ކުރުމަށްވެސްވަނީ ނިންމާފައެވެ.