Last Updated: June 12, 02:23
Friday, June 12, 2026
ޚަބަރު

ހުއްޓާލުމެއް ނެތި ޕީޕީއެމްއިން ޝަކުވާ ފޯމު ފުރަނީ!

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިވުމާއި ގުޅިގެން އިންތިހާބް ބާޠިލް ކުރެވޭތޯ ހުއްޓުމެއް ނެތި ޕީޕީއެމްއިން އިންތިހާބާއި ގުޅޭ ޝަކުވާ ފޯމުތައް ފުރަމުން އެބަދެއެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނޫންވެސް ޕީޕީއެމް އޮފީސް ތަކުގައި އާއްމު މެމްބަރުން ގެނެސް ޝަކުވާ ފޯމު ފުރަމުންދާއިރު އިންތިހާބާއި ގުޅޭ ޤައުމީ ކޮމްޕްލެއިންސް ބިއުރޯއިން މައްސަލަ ބަލައިގަންނަން ވަނީ ފަށާފައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބަކީ މިހާތަނަށް އެންމެ އަމާން އޮމާންކޮށް ބޭއްވުނު އިންތިހާބެވެ.

އިންތިހާބު ބޯމަތިވަމުން ދިޔަ އިރު އެންމެ ބޮޑު ކަންބޮޑުވުމަކާއި ޝަކުވާ އޮތީ އިންތިހާބުގެ އޮފިޝަލުންނާއި ގުޅޭ ގޮތުންނެވެ. އިލެކްޝަނުން އިންތިހާބުގެ އޮފިޝަލުންނަށް ބޭއްތިއްބީ ޕީޕީއެމްއަށް މަރުދޭ އެމީހުން ރުހޭ ބައެކެވެ. އެކަމުގެ ޝަކުވާ އާއްމުން ކުރިއެވެ. އެކަމަކު އެދުވަހު އެކަން އިލެކްޝަނުން ބަލައި ނުދިނެވެ.

އާދީއްތަ ދުވަހު ހެނދުނު ވޯޓު ލާން ރައްޔިތުން ނިކުމެ ކިއޫ ދަމާލި އިރު ވޯޓުލާ މަރުކަޒުގައި މީހުންގެ އައިޑީ ކާޑުތައް ޗެކް ކުރަން ތިބީ ޕީޕީއެމްގެ މީހުންނެވެ. ކިޔޫ ނަންބަރު ދޫކުރީ އެކުންދިންނެވެ. ލިސްޓުގައި ނަން އޮތްތޯ ބަަލައި އިނގިލީގައި ފާހަގަ ޖަހައި ވޯޓު ކަރުދާސްކޮޅު ދޫކުރީ އެމީހުންނެވެ. ވޯޓު ލައި ނިމުމުން ވޯޓު ގުނައި ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅީ ވެސް ޕީޕީއެމްއަށް މަރުދިން މީހުންނެވެ.

އަދި އިންތިހާބުގެ ނަތީޖާ ފަހަރަކު ފޮއްޓަކުން ފޮއްޓަކުން އިއްލާން ކުރީވެސް ޕީޕީއެމް މީހުންނެވެ.

ވޯޓުލައި ނިމި ނަތީޖާ އިއްލާންކޮށް 48 ގަޑިއިރުވީއިރުވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ލިސްޓުގައި ޕީޕީއެމްގެ މީހެއްގެ ނަން ނެތިގެންވެސް އެމީހުން މައްސަލަ ޖެއްސި އަޑު އެހި މީހަކުވެސް ނެތެވެ.

އެކަމަކު މިއަދު ފޯމު ފުރަމުންދަނީ ވޯޓުލާން ދިޔަ އިރު ލިސްޓުގައި ނަން ނެތުމާއި، ރީ ރަޖިސްޓްރީ އޮޅުވާލާފައިވާކަމަށް ބުނެއެވެ.

އިންތިހާބު ބޯމަތިވި އިރުވެސް އިވެމުން ދިޔައީ އިންތިހާބުން ރައީސް ޔާމީން ބަލިވިއަސް ހުވާ ކުރައްވާނީ އެމަނިކުފާން ކަމަށެވެ. ޝަކުވާ ފޯމު ފުރައި މައްސަލަ ޖައްސަން އުޅެނީ އެކަން އެގޮތަށް ހާސިލް ކުރެވޭތޯއެވެ. ނަަމަވެސް ރައްޔިތުންގެ ނިންމުން ބަދަލު ނުކުރާނެކަމަށް ސަލާމަތީ ބާރުތަކުން މިވަނީ ޔަގީންކަންދީފައެވެ.