Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

"އިބޫ އަށް ނޮވެމްބަރު 11 ގައި ހުވާ ކުރެވެން ޖެހޭނެ"

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު - ފޮޓޯ: ސަން

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރެއްވޭނެ މަގުފަހިކޮށްދެއްވުމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ގޮވާލައްވައިފި އެވެ.

11 ނޮވެމްބަރު 2013 ގައި ދައުރަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހޮވިވަޑައިގަތް ކަމަށް އެ އަހަރު އިލެކްޝަންސް ކޮމިޝަން އިން އިއުލާންކޮށްފައިވާ ކަމަށް ވިދާޅުވެ އީސީގެ ކުރީގެ ރައީސް ފުއާދު ތައުފީޤު ވަނީ އިއްޔެ ޓްވީޓް ކުރައްވާފަ އެވެ.

ފުއާދު ވަނީ އޭނާގެ ޓްވީޓްގައި 2013 ވަނަ އަހަރު އީސީ އިން ކުރި އެ އިއުލާނުގެ ކޮޕީއެއް ވެސް އެޓޭޗްކުރައްވާފަ އެވެ.

ފުއާދުގެ އެ ޓްވީޓަށް ޖަވާބުދެއްވައި ރައީސް ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އީސީގެ އެ އިއުލާނާއި އެއްގޮތްވާ ގޮތުގެ މަތިންނާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސްވީ ޙައްލެއް ނެތް ކަންތައްތަކެއް ދިމާވެގެން ކަމަށްވާތީ، މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިބޫ އަށް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ފުރުސަތު، ރައީސް ޔާމީންގެ ހެޔޮވިސްނުންފުޅާއި ދީލަތިފުޅުކަމުގެ ތެރެއިން ފަހިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ނޮވެމްބަރު 11 އަކީ ރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަސް ކަންވެސް އެމަނިކުފާނުގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަހީދު މިހެން ގޮވާލެއްވިއިރު، ރިޔާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާ ރިޔާސީ ދައުރު ގުނަމުން އައި ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ރިޔާސީ ދައުރު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 17 ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ.

އެއީ 2013 ވަނަ އަހަރު ދެ ފަހަރަށް އިންތިޚާބު ފަސްކުރުމުގެ ސަބަބުން ރައީސް ޔާމީން ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް ވާތީއެވެ.