Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރަނީ!

23 ސެޕްޓެމްބަރު 2018 ގައި އިންޑިއާގެ ޓްރިވެންޑްރަމްގެ ވޯޓު ފޮށްޓަށް ވޯޓުލާން ގޮސް ތިބި ބަޔަކު ކިޔުގައި - ފޮޓޯ: އައްޑޫލައިވް

ނިމިގެންދިޔަ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ މާދަމާ ހެނދުނު 10:30 ގައި އިންތިޚާބީ މައި މަރުކަޒު ހިންގާ ބާ ޖަމާލުއްދީން ސްކޫލްގައި ބާއްވާ ޚާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއް ކަމަށްވާ އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ އެ ކޮމިޝަންގެ ފަސް މެމްބަރުން ވެސް އެންޑޯސްކުރައްވާފައިވާ ކަމަށެވެ.

އަދި ނަތީޖާ ގުނާ ނިމިއްޖެ ކަމަށާއި ދާއިމީ ނަތީޖާ އާއި ވަގުތީ ނަތީޖާއާއި ދެމެދު މާ ބޮޑު ފަރަގެއް ނެތް ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ މާދަމާ އިއުލާންކުރާއިރު، އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމް އިން ވަނީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކޮށްދިނުމަށް އެދިފައެވެ.

އެހެންނަމަވެސް ދާއިމީ ނަތީޖާ އިއުލާންކުރުން އަވަސްކުރުމަށް އިދިކޮޅު ފަރާތްތަކުންނާއި ބޭރުގެ ބައެއް ފަރާތްތަކުންވެސް ގެންދަނީ ކެނޑިނޭޅި އިލެކްޝަންސް އަށް ގޮވާލަމުންނެވެ.

މިދިޔަ ހޯމަ ދުވަހު އިއުލާންކުރި އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، ވޯޓުލީ 233،877 މީހުންގެ ތެރެއިން 134،616 ވޯޓާއެކު 58%ގެ މެޖޯރިޓީއަކުން ރައީސްކަމަށް ހޮވިވަޑައިގެންފައި ވަނީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ރައީސް ޔާމީން އަށް ލިބިވަޑައިގެންނެވީ 96،132 ވޯޓާއެކު 41%ގެ އަޣުލަބިއްޔަތެކެވެ.